އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ ގުޅޭގޮތުން ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި ރީރަޖިސްޓްރީ ވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކުރި ވޯޓު ލެވޭ މީހުންގެ ލިސްޓާއެކު ރީރަޖިސްޓްރީވާން ހުޅުވާލި ފުރުސަތު އިއްޔެ 18:00އަށް ވަނީ ހަމަވެފައެވެ.
ނަމަވެސް އެ މުއްދަތު މިހާރު އީސީން ވަނީ އިތުރުކޮށްފައެވެ.
އެގޮތުން މާދަމާގެ 18:00ގެ ކުރިން ރީ-ރަޖިސްޓްރީވެވޭނެ ކަމަށް އީސީން ހާމަކުރެއެވެ.
އީސީން ބުނީ ރީރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރީ- ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ ގުޅޭ ގޮތުން ވޯޓު ނެގުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހުއެވެ.
އެ ވޯޓުގައި ފަސް ތަނެއްގައި ވޯޓު ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ.
މިގޮތުން ހުޅުދުއާއި މީދޫއާއި ފޭދޫގެ ރައްޔިތުން ވޯޓުލުން އޮންނާނީ އެ ތިން ރަށުގެ އިތުރުން މާލެ ސިޓީގައެވެ.
ފޭދޫގައި، ފޭދޫ ސްކޫލްގައެވެ. ހުޅުދޫގައި، ހުޅުދޫ ސްކޫލާއި ސ. އަތޮޅު މަދަރުސާގައެވެ.
މީދޫގައި، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައި ވާއިރު މާލޭގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލްގައެވެ.



