ޣައްޒާގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އދ މެދުވެރިކޮށް ޙަރަކާތްތެރިވާނެ ބައިނަލްއަޤުވާމީ ފައުޖެއް ޤާއިމުކުރުމުގެ މަސައްކަތް، އެމެރިކާގެ ލަފާގެ މަތީން، އިނގިރޭސިވިލާތާއި ފަރާންސުން އިސްވެ ފަށައިފިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޙަމަލާތައް، ދެ އަހަރަށް ފަހު ހުއްޓާލައިފައި ވަނީ މި މަހުގެ 9ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
އެގޮތުން މި އެއްބަސްވުން އެކުލަވައިލުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ.
ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ޣައްޒާގައި ސަލާމަތީ ކަންކަން ބަލަހައްޓާނެ ބައިނަލްއަޤުވާމީ ފައުޖެއް ޤާއިމުކުރުމުގެ ތައްޔާރީތައް ފެށިގެން ކުރިއަށްދާކަމަށް، އެމެރިކާގެ އިސް ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވެއެވެ.
ފަރަންސްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޕަސްކަލް ކޮންފަވްރޯ ނޫސްވެރިންނަށް ވިދާޅުވީ، މިފަދަ ފައުޖެއް ޤާއިމުކުރުމަށް ބޭނުންވާ އެހީތެރިކަން ޤައުމުތަކުން ހޯދުމަށްޓަކައި، އދގެ ރުހުން ބޭނުންވާ ކަމަށެވެ.
އެހެންކަމުން، މިކަމަށްޓަކައި ފަރަންސާއި އިނގިރޭސިވިލާތުން އިސްވެ އދގެ އެންމެ ބާރުގަދަ ގުނަވަންކަމަށްވާ ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅައި، އެ ޤަރާރު ފާސްކުރުމުގެ މަސައްކަތް އެމެރިކާގެ ލަފާގެ މަތިން ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މި ފައުޖަށް އެހީތެރިކަން ހޯދުމަށްޓަކައި، ޓްރަމްޕްގެ އެކި ޤައުމުތަކުގެ ވެރިންނާ މަޝްވަރާތައް ފައްޓަވާފައިވާކަމަށް، ވައިޓްހައުސް އިންވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ.




