މަނީ ލޯންޑަރިންގެ ކުށާއި މަކަރާ ހީލަތުގެ މައްސަލަ ހިމެނޭ ގޮތަށް 23 ދައުވާއެއް އުފުލާފައިވާ ހުސައިން ޝިފާއުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަން އޮއްވައި، ޖަލު ހުކުމެއް ތަންފީޒުކުރަން ނުޖެހޭގޮތަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން، އޭނާއާއެކު ހެދި އިއުތިރާފުގެ އެއްބަސްވުން ބަލައިނުގަންނަން އިއްޔެ ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ ”ކިންގްޑަމް އޮފް ފްރުޓްސް“ މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތްނިމި މިހާރު އޮތީ ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގައެވެ.
ދައުލަތާއެކު މިފަދަ އިއުތިރާފުގެ އެއްބަސްވުމެއް ޝިފާއުއާ ހެދިއިރު، އެ އެއްބަސްވުން ބަލައިނުގަންނަން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އިއްޔެ ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައެވެ.
އެ އިއުތިރާފުގެ އެއްބަސްވުން ބަލައިނުގަތުމަށް ނިންމެވި ސަބަބަކަށް ގާޒީ ވިދާޅުވީ، އެ އެއްބަސްވުމަކީ، ޝިފާއުގެ ފަރާތުން ގެއްލުންވި މީހުންނަށް ބަދަލު ލިބޭނެ ކަމުގެ ޔަގީންކަން ލިބޭނެހެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ ކަމަށެވެ.
އެގޮތުން އެ އިއުތިރާފުގެ އެއްބަސްވުމުގައިވަނީ ޝިފާއުގެ މައްޗަށް އުފުލި 23 ދައުވާގެ ތެރެއިން މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާ ފިޔަވައި އެހެން ހުރިހާ ދައުވާތަކެއް އަނބުރާ ގެންދިޔުމަށެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން، ޝިފާއުގެ މައްޗަށް ކުރާ ދައުވާތައް ހަތް ދައުވާއަށް މަދުކުރުމުން، އޭނާގެ މައްޗަށް އަންނާނީ 88 ދުވަހުގެ ޖަލު ހުކުމަކާއެކު، 184،000ރ. ގެ ޖޫރިމަނާގެ އަދަބެެކެވެ.



