ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އޭޝިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން، އައިޓީބީ އޭޝިއާ 2025 ގައި ބައިވެރިވެއްޖެއެވެ.
މި ފެއަރ ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 15 އިން 17 އަށް ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގައެވެ.
މި ފެއަރގައި ވިޒިޓް މޯލްޑިވްސްގެ ބެނަރުގެ ދަށުން، 20 ކުންފުންޏެއްގެ 32 މަންދޫބުން ބައިވެރިވެ، ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ތަފާތު އުފެއްދުންތަކާއި ފުރުސަތުތައް ދައްކާލާފައިވެއެވެ.
އެގޮތުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭ ގޮތަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ 99 އަކަފޫޓުގެ ސްޓޭންޑެއް މި ފެއަރގައި ގާއިމްކޮށްފައިވެއެވެ.
ވީއެމްސީން ބުނި ގޮތުގައި، އެ ސްޓޭންޑުގައި 22 ކައުންޓަރާއި، ތިން ފްލޯޓިން މޭޒު، އަދި މައުލޫމާތު ދިނުމަށް ހާއްސަ ކައުންޓަރެއް ހިމެނެއެވެ. މި ސްޓޭންޑަކީ ރާއްޖެއާ ބެހޭ މަޢުލޫމާތު ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދީ، ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ.
ފެއަރގެ ތެރެއިން ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ފުރުސަތުތައް އިޝްތިހާރުކުރުމުގެ އިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްގީކުރުމަށް ކުރާ މަސައްކަތްތައް ވަނީ ދައްކާލާފައެވެ. ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުހައްމަދު ލުވެއިޒް ވަނީ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވައި، ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.



