އައްޑު އަތޮޅުގެ ފޭދޫ ހިމެނޭހެން ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް، އައްޑޫ ސިޓީ ކައުންސިލްގައި ފޭދޫ އޮންނަން ފެނިވަޑައިގަންނަވާ ކަމަށް އެ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އިއްޔެ ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު މި ފެންނަ ނުފެންނަ ވޯޓު ނެގުން އޮތީ، އައްޑޫ ފޭދޫގެ އިތުރުން ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، އައްޑޫގެ ހަ ރަށުގެ ތެރެއިން މި ތިން ރަށުގައި މި ވޯޓު ނަގަން ނިންމީ އެ ގޮތަށް ބަދަލުކޮށްދިނުމަށް އެދި އެ ރަށްރަށުގެ ބައެއް ފަރާތްތަކުން ސަރުކާރަށް ހުށަހެޅުމުންނެވެ.
އައްޑޫ ސިޓީގެ ކޮންމެ ރަށެއްގައި ވަކި ރަށު ކައުންސިލެއް ހެދުމަށް ނިޒާރު މީގެ ކުރިން ތާއީދުކުރައްވައި ސޮއިކުރައްވާފައިވާ ލިޔުމެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން، ނިޒާރު ފޭސްބުކްގައި ލިއުއްވީ މިހާރު އޭނާ ގަބޫލުކުރައްވާ ގޮތް ބަދަލުވެފައިވާ ކަމަށެވެ.
އައްޑޫ ކައުންސިލް މިހާރު އެކުލެވިފައިވާ ގޮތް ބަދަލުކުރުމަށް އެދި ރައީސް މުހައްމަދު މުއިއްޒުއަށް ފޮނުވި ސިޓީއެއްގައި ސޮއިކުރީ އޭރު ލިބިފައިވާ މައުލޫމާތަކަށް ބުރަވެ ހުރެ،“ ނިޒާރު ފޭސްބުކްގައި ލިއުއްވާފައިވެއެވެ.
ނަމަވެސް މިދިޔަ އަހަރު ދުވަހު ކުރެވުނު ތަޖުރިބާ އާއި ލިބުނު މައުލޫމާތުތަކުގެ އަލީގައި އޭނާ މިހާރު ގަބޫލުކުރައްވަނީ އައްޑޫގެ ގުޅިފައިވާ އަވަށްތައް އެކުގައި ސިޓީ ކައުންސިލްގައި ތިބެން ކަމަށް ނިޒާރު ވިދާޅުވިއެވެ.



