ބިދޭސީ މަސައްކަތްތެރިން ބޭރަށް ފައިސާ ފޮނުވޭ ރެމިޓެންސް ލިމިޓް، ދެގުނައަށްވުރެ ބޮޑުކޮށް ދަށްކުރުމުން ކުރިން ހުރި ވަރަށް އިއާދަކުރުމަށް މަސައްކަތްތެރިންގެ ޔުނިއަންތަކުގެ ކޮންފެރޭޝަނުން އިއްޔެ ގޮވާލައިފިއެވެ.
ކޮންމެ މަހަކު ބޭރަށް ފައިސާ ފޮނުވޭ ލިމިޓް ކުޑަކުރަން ބޭންކުތަކުން ނިންމުމާ ގުޅިގެން މޯލްޑިވްސް ޓްރޭޑް ޔުނިއަންސް ކޮންފެޑެރޭޝަން (އެމްޓީޔޫސީ) އިން ކަންބޮޑުވުން ފާޅުކޮށް އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައިވާ ގޮތުން ބިދޭސީ މަސައްކަތްތެރިން ބޭރަށް ފައިސާ ފޮނުވޭ ރެމިޓެންސް ލިމިޓް ބޭންކްތަކުން ކުޑަކުރީ 400 ޑޮލަރުން 150 ޑޮލަރަށެވެ.
މި ފިޔަވަޅުގެ ސަބަބުން ރެމިޓެންސްތަކަށް ބަރޯސާވާ ބޭރު މަސައްކަތްތެރިންނާއި އެ މީހުންގެ އާއިލާތަކުގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ޓްރޭޑް ޔުނިއަންގެ ކޮންފެޑެރޭޝަނުން ބުނެފައިވެއެވެ.
މި ސިޔާސަތަށް މި ބަދަލު ގެނައީ ބޭންކިން ނިޒާމުގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ތާށިކަމެއް އުޅޭ ދަނޑިވަޅެއްގަ އެވެ. ޑޮލަރުގެ ރަސްމީ އެކްސްޗޭންޖް ރޭޓާއި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ރޭޓުގެ ފަރަގު ވެސް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
އެމްޓީޔޫސީން ބުނީ މިފަދަ ދަނޑިވަޅެއްގައި އެ މަސައްކަތްތެރިންގެ އާއިލާއަށް ފައިސާ ފޮނުވުމަށް، ގައުމަށް ކޮންމެ މަހަކު ފައިސާ ފޮނުވާ ލިމިޓް ކުޑަކުރުމުން އެ މީހުންގެ ދިިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަން އިތުރަށް ދަތިވާނެ ކަމަށެވެ.



