ގުދުރަތީ ތަންތަނަށް ނަންދިނުމަށް، ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީ ނަމުގައި ޚާއްސަ ކޮމިޓީއެއް އުފައްދަން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ގުދުރަތީ ތަންތަނަށް ނަންކިޔުމުގެ އުސޫލެއް އާންމުކޮށްފައެވެ.
އެގޮތުން އެ އުސޫލުގެ ދަށުން ނަން ކިޔުމާއި ނަން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ، ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި ފަރުފަރާއި ހާހަލާއި ގިރިގިރިއާއި މި ނޫން ވެސް ގުދުރަތީ އެފަދަ ތަންތަނާއި އުފައްދާފައިވާ ތަންތަނާއި ސަރަހައްދުތަކަށެވެ.
އެ އުސޫލަކީ، ގުދުރަތީ ތަންތަނުގެ ތެރެއިން ވަކި ނަމެއް ދިނުމަށް ބޭނުންވާ ތަންތަނަށް ނަން ކިޔުމާއި އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި ވަކި ތަނަކަށް ދީފައިވާ ނަމެއް ނުވަތަ ރަސްމީ ނަމެއް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާ އުސޫލެއް ކަމުގައި ފިނޭންސުން ބުނެފައިވެއެވެ.
އަދި އެ އުސޫލުގެ މަގުސަދަކީ ގުދުރަތީ ތަންތަނަށް ނަން ކިޔުމަށްޓަކައި ނަން ފާސްކުރުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމާއި ނަން ކިޔުމުގައި އަމަލުކުރާނެ ހަަމަތަކާއި އިޖުރާތުތައް ބަޔާންކުރުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.



