އިޒްރޭލުން ހާލުގައި ޖައްސާފައިވާ ޣައްޒާއަށް އެހެން ގައުމުތަކުން އެއްގަމު މަގުން ތަކެތި އެތެރެކުރެވެން އޮންނަ ހަމައެކަނި މަގު ކަމަށްވާ ރަފާހް ބޯޑަރު ހުޅުވާނީ ހަމާސްއިން ހައްޔަރު ކޮށްގެން ގެންދިޔަ މީހުންގެ ތެރެއިން މަރުވި އެންމެންގެ ހަށިތައް ހަވާލުކުރުމުން ކަމަށް އިޒްރޭލުން އިއްޔެ ބުނެފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ނަތަންޔާހޫގެ އެންގުމުގެ މަތިން ނިންމާފައިވާ ގޮތެއް ކަމަށާއި އޭނާ ވަކިގޮތެއް އަންގަންދެން ރަފާހް ބޯޑަރު ބަންދުކޮށްފައި ބަހައްޓަން އަންގާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރަފާހް ބޯޑަރު ހުޅުވޭނީ ހަނގުރާމަ ހުއްޓާލުމަށް ހެދި އެއްބަސްވުމުގައި ބުނެފައިވާ ފަދައިން، ހައްޔަރުކުރި އަސްކަރިއްޔާގެ މީހުންނާއި މަރުވި ސިފައިންގެ ހަށިތައް ވެސް ހަވާލު ކުރުމުން ކަމަށެވެ.
އިއްޔެގެ ނިޔަލަށް ހަމާސްއިން ވަނީ އިޒްރޭލުން މަރުވި 28 ސިފައިންގެ މީހުންގެ ތެރެއިން 10 މީހެއްގެ ހަށިތައް ހަވާލު ކޮށްފައެވެ.
އިޒްރޭލުން މިހެން ބުނުމުގެ ކުރިން މިސްރުން ވަނީ، އެ ގައުމާއި ޣައްޒާ ގުޅުވައިދޭ ރަފާހް ބޯޑަރު ހޯމަ ދުވަހު ހުޅުވައި މިސްރުން ޣައްޒާއަށް ދާން ބޭނުންވާ ޣައްޒާގެ ރައްޔިތުންނަށް ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުނެފައެވެ.


