ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ ކެތީޓަރު ނުވަތަ ހޮޅި ލެއްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފިއެވެ.
މިއީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްކަމަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަ ކޮށްފައެވެ.
ރާއްޖޭގައި ފަރުވާ ކުރަމުން އަންނަ ގިނަ ބަލިތަކުގެ ތެރެއިން، އެންމެ ގިނައިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދައުލަތުން ޚަރަދުކުރާ އެއް ބައްޔަކީ ކިޑްނީގެ ބަލިތަކެވެ. އެހެންކަމުން ކިޑްނީ ބަލީގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އައިޖީއެމްއެޗްއިން މިހާރުވަނީ ފުރަތަމަ ފަހަރަށް މެޔަށް ހޮޅި ލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ފަށާފައެވެ.
މިކަމާ ބެހޭގޮތުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިޖީއެމްއެޗުން ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭތާ 18 މަސްދުވަސް ފުރިހަމަ ވެފައިވާކަމަށެވެ. މި ހިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ފަރުވާއެކެވެ.
މީގެ އިތުރުން، ފުރަތަމަ ފަހަރަށް އެ ހޮސްޕިޓަލުގައި ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންކުރާ މޭގެ ކެތީޓަރު ލެއްވުމުގެ ހިދުމަތް ވަނީ ފަށާފައި ކަމަށް ހަލީމް ވިދާޅުވިއެވެ.
”މި އޮކްޓޯބަރު މަހުގެ ކުރީކޮޅު، ފުރަތަމަ ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރެވުނު. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސަރޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ޚާއްސަ ދިވެހި ޑޮކްޓަރުންގެ ޓީމަކުން. މިހާރު މި ހިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް އައިޖީއެމްއެޗްގައި ކުރިއަށްދޭ. މި ކުރިއެރުމަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ކުރިއެރުމެއް. ٱلْحَمْدُ لِلَّٰهِ“ ހަލީމް ވިދާޅުވެފައިވެއެވެ.
ޕެރިޓޯނިޔަލް ޑަޔަލިސިސްއަކީ ޑިވައިސެއްގެ އެހީގައި އަމިއްލަ ހެދޭ ޑަޔަލިސިސްއެވެ. މި ޑަޔަލިސިސް ހެއްދުމަށް ބަނޑަށް ނުވަތަ މެޔަށް ކެތީޓަރު ހޮޅިއެއް ލައްވަން ޖެހެއެވެ. މި ފަރުވާއަކީ ބަލި މީހުން ޑަޔަލިސިސް ހެދުމަށް ހޮސްޕިޓަލުގައި އެތައް ވަގުތެއް ހޭދަކުރުމުގެ ބަދަލުގައި ގޭގައި ކުޑައިރުކޮޅެއްގެ ތެރޭގައި ކުރެވޭކަމެވެ. މިއީ ބަލިމީހުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.




