ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޒަކާތު ހައުސް އިން ބުނީ ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މިއީ އިސްލާމިކް ލައިބްރަރީ އާއި ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކޮށް، އިސްލާމީ ތަޢުލީމީ ވަސީލަތްތައް އިތުރުކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީޢާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް ޒަކާތު ހައުސް އިން ހާމަކުރެއެވެ.
އެގޮތުން ފޮތްތައް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ފޮތްތަކާ ގުޅޭ މަޢުލޫމާތު، info@zakathouse.gov.mv އަށް އީ-މެއިލްކުރުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ޒަކާތު ހައުސްއިން ހަމަޖައްސައިދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މިގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް މެލޭޝިޔާގެ ޔުނިވާސިޓީއަކުން ވަނީ ހަދިޔާކޮށްފައެވެ.



