މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމާއި އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިނިސްޓަރުގެ އެ ބައްދަލުކުރެއްވުމުގައި އަސާސީ ކާބޯ ތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 23 ބާވަތް މި މަހުގެ 15 އިން ފެށިގެން އެސްޓީއޯއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ދިވެހީން އާންމުކޮށް ބޭނުންކޮށް އުޅޭ ބާވަތްތައް ވަނީ އިތުރުކޮށްފައެވެ.
އެ ތަކެތީގެ ތެރޭގައި 10 ބާވަތެއްގެ މޭވާއާއި 10 ބާވަތުގެ ތަރުކާރީގެ އިތުރުން އެހެނިހެން ތިން ބާވަތަކާއެކު، ޖުމުލަ 23 ބާވަތް ހިމެނެއެވެ.
އެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކެބިނެޓުން ނިންމެވީ 2025 ސެޕްޓެންބަރު 10 ގައެވެ.



