ބ. ކިހާދުއްފަރު ރިސޯޓްގެ އެއްބަސްވުން ބާތިލްކޮށް، އެތަން ސަރުކާރަށް އަނބުރާ ނަގަން ފޮނުވާފައިވާ ނޯޓިސް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ކިހާދުއްފަރު ރިސޯޓަކީ އަތަމާ މެރިން އިންޓަނޭޝަނަލަށް ކުއްޔަށް ދޫކުރި ރިސޯޓެކެވެ.
ނަމަވެސް އެ ރިސޯޓްގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން މިމަހުގެ ނުވަ ވަނަ ދުވަހު ނޯޓިސް ފޮނުވީ، އެތަން ހިންގަމުންދަނީ ޓޫރިޒަމާބެހޭ ގާނޫނާއި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ނޫން ކަމަށް ބުނެއެވެ.
ޝަރުތުތަކެއްގެ މަތިން އެ ރިސޯޓް ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ހަމަވި ނަމަވެސް، ކަންކަން ރަނގަޅު ކޮށްފައި ނުވާ ކަމަށް ބުނެ އެ ރިސޯޓް އަތުލަން މި މަހުގެ ނުވަ ވަނަ ދުވަހު ވަނީ ނޯޓިސް ފޮނުވާފައެވެ.
މިނިސްޓްރީގެ ނޯޓިސްގައި ބުނެފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ހަތް ދުވަސް ފަހުން، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ބާތިލްވެފައިވާ އެއްބަސްވުމެއް ކަމުގައި ބަލާނެ ކަމަށެވެ.
ނަމަވެސް، އަތަމާ ކުންފުނިން ބުނަނީ އެ ނޯޓިހަކީ އެއްބަސްވުމާ ހިލާފަށް ފޮނުވާފައިވާ ނޯޓިހެއް ކަމަށެވެ.
ބައެއް ކަންކަން އިސްލާހު ކުރަން މިނިސްޓްރީން ފޮނުވި ނޯޓިހާ ގުޅިގެން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ރިސޯޓް ބަންދުކޮށްގެން އެ ކުންފުނިން ދިޔައީ ކުރަމުން ކަމަށް ވެސް އަތަމާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް، އެ މަސައްކަތް ކުރަމުން ދަނިކޮށް އެއްބަސްވުން ބާތިލްކުރަން މިނިސްޓްރީން ނިންމީ އުސޫލާ ހިލާފަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެހެންކަމުން އެ މައްސަލާގައި ދައުވާ ކުރުމުގެ ކުރިން، އެ ނޯޓިހަށް އަމަލުކުރުން މަޑުޖައްސާލަން އެދި އަތަމާ ކުންފުނިން ވަނީ ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިފައެވެ.
އެކަމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ނެރުނު އަމުރުގައިވަނީ ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިހަށް އަމަލު ކުރުން ފަސްކުރުމަށާއި އެ ނޯޓިސް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރަން އަންގާ ކަމަށެވެ. އަދި ކިހާދުއްފަރާ ގުޅިގެން ތިން ވަނަ ފަރާތެއްގެ ހައްގު އުފަންވެދާނެ ކަމެއް ނުކުރުމަށް އެ އަމުރުގައި އަންގާފައިވެއެވެ.



