ގަވާއިދާ ޚިލާފަށް ”ވަގަށް“ އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގެ ތަހުގީގަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިއަަހަރުގެ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމްސް އިން ހިފަހައްޓާފައިހުރި 2 ކޮންޓެއިނަރު ސިނގިރޭޓު، ހުޅުމާލޭގައި ހުންނަ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ވެސް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މިކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު މިމަހުގެ 14ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނޭކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މއ. އެވަރ ގްލޯރީ / އަހްމަދު އާރިފް (61އ.) އާއި ބ. އޭދަފުށި ދިގަލި / މުޙައްމަދު ވަހީދު (65އ.) އާއި ހ. ނިއު ހެޕިނެސް / މުއާޒް އަލީ (48އ.) އަދި ހއ. ވައިކަރަދޫ މެދުރީގެ / ޒިވާރު އިސްމާއިލް (40އ.) އެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން މުޙައްމަދު ވަހީދާއި އަހްމަދު އާރިފަކީ ދެ ވިޔަފާރިވެރިންނެވެ. ޒިވާރް އިސްމާއިލަކީ މިހާރު ކަސްޓަމްސްގެ އިސްވެރިއެކެވެ. އަދި މުއާޒް އަލީއަކީ ކުރިން ކަސްޓަމްސްގެ އޮފިސަރެކެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލް އިން ވެސް ވަނީ 6 މުވައްޒަފަކު ސަސްޕެންޑު ކޮށްފައެވެ. ނަމަވެސް އެމީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅިގެން ފުލުހުން ތިލަފުށީގައި ވެސް އޮޕަރޭޝަނެއް ހިންގާފައިވާކަމަށް އެނގިފައިވެއެވެ.
ފުލުހުން މިއަދު ބުނީ 2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައިގެ ތަހުގީގުގައި ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.



