މާލެ އާއި ވިލިމާލޭގައި އާންމުކޮށް ފެންނާނެ ގޮތަށް ގޭގެ ނަންބޯޑު ހަރުކުރަން އަންގައިފިއެވެ.
އާންމުކޮށް ފެންނާނެ ގޮތަށް ގޭގެ ނަންބޯޑު ހަރުކުރަން އަންގާފައި ވަނީ މާލެ ސިޓީ ކައުންސިލުންނެވެ.
މާލެ ސިޓީ ކައުންސިލުން މިރޭ ބުނީ އެ ކައުންސިލްގެ ފަރާތުން ރަސްމީ ބޭނުންތަކުގައި މާލެއާއި ވިލިމާލޭގެ ގޭގެއަށް ޒިޔާރަތް ކުރާއިރު މާލެއާއި ވިލިމާލޭގެ ބައެއް ގެތަކުގައި މިހާރަކަށް އައިސް އާއްމުކޮށް ފެންނަ ގޮތަށް ގޭގެ ނަންބޯޑު ހަރުކޮށްފައި ނުހުންނަ ކަމަށެވެ.
އެހެންކަމުން ރަސްމީ ބޭނުންތަކާއި އެހެނިހެން ކަންކަމުގައި ގޭގެއަށް ޒިޔާރަތްކުރާއިރު ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން އެ ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ހިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
މިގޮތުން މިކަން ހައްލު ކުރުމަށް މިއަދުން ފެށިގެން ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބެހެއްޓުމަށް އެ ކައުންސިލުން ވަނީ އަންގާފައެވެ.




