ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނަށް އާސަންދަ ނުލިބޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަަހަޅަން ނިންމައިފިއެވެ.
މި ގަރާރު ހުށަހަޅުއްވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް އެވެ.
އެ ގަރާރުގައި ވަނީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން ތަފާތު ކުރުމެއްނެތި ކޮންމެ މީހަކަށް ލިބިގެންވާ ކަަމަށް ގާނޫނުއަސާސީގެ 17 ވަނަ ބާބުގައި ބަޔާންކޮށްފައިވާކަން ހަނދާންކޮށްދީފައެވެ.
ހަމައެހެންމެ މި ހައްގުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ތަފާތުކޮށްގެން ނުވާނެކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ.
އަދި މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ލިބެންވާ ހައްގުތައް ތަފާތުކޮށްގެން ނުވާނެ ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.
ދިވެހި ރައްޔިތުންގެ ތެރެއިން އާބާދީގެ ނިސްބަތުން ގިނަ އަދަދެއްގެ ބަޔަކު، ބިދޭސީންނާ ކައިވެނިކޮށްގެން، ރާއްޖޭގައި ދިރިއުޅެމުންދާކަމަށް އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
މިގޮތުން އެ މީހުންނަށް ދަރިން ލިބި އެ ދަރިން ރާއްޖޭގައި ބޮޑެތިވެ، އެ ދަރިންނަށް ދަރިން ލިބި، ރާއްޖޭގައި ދިރިއުޅެމުންދިޔަ ނަމަވެސް އާސަންދައިގެ ހިދުމަތް ލިބެމުންދަނީ ދިވެހި ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް އެކަނިކަންވެސް އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ގާނޫނުއަސާސީއަށް ނަޒަރު ކުރާއިރު، އިންތިހާބުތަކުގައި ވާދަ ކުރުމާއި، ދައުލަތުގެ އެކިއެކި މަގާމްތަކަށް އައްޔަން ކުރުމުގެ ހައްގު ފިޔަވައި، ދިވެހި ރައްޔިތުންނާއި ރާއްޖޭގެ ސިޔާދަތުހިނގާ ސަރަހައްދުގައި އުޅޭ ބިދޭސީންނާމެދުގައި، ހައްގުތައް ލިބިދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނެތްކަން ފާހަގަވާ ކަމަށްވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.



