އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ސެންޓަރު (އައިއެމްސީޓީސީ) އިން، ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން މުހިންމު ތަމްރީން ކޯހަކާއެކު ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
”ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ކުރިމަތިލުން“ގެ ނަމުގައި ބޭއްވި އެ ތަމްރީން ކޯސް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދުގެ އިތުރުން ތައުލީމީ އަދި އަސްކަރީ ދާއިރާގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޯހަކީ، ތައުލީމީ މުޖުތަމައުތަކުގެ ތެރޭގައި މެދުމިނުގެ ސަގާފަތެއް އާލާކުރުމުގެ މަގުސަދުގައި ފެށި މި ތަމްރީން ކޯހެކެވެ. މި ކޯހުގައި ތަފާތު ދާއިރާތަކުގެ އިލްމީ ބޭފުޅުންނާއި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މާހިރުން ވެސް ބައިވެރިވެއެވެ.
އެގޮތުން މި ތަމްރީން ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝެހެނާޒް ވަނީ މެދުމިނުގެ މުހިންމުކަމާއި ހައްދުފަހަނައަޅާ ދިއުމުގެ ނުރައްކާތެރިކަމާމެދު މުޖުތަމައުގެ އެކި ދާއިރާތައް ހޭލުންތެރިކަން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

އޭގެ އިތުރުން އައިއެމްސީޓީސީން ބާއްވާ މިފަދަ ތަމްރީން ޕްރޮގްރާމްތަކަކީ ކުޑަކުދިންނާއި ޒުވާނުންނަށް އިސްލާމްދީނާ ގުޅޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މުހިންމު ޕްރޮގްރާމް ތަކަކަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ތަމްރީން ކޯހާއި ވޯކްޝޮޕުގައި ތައުލީމީ މާހައުލުގައި ހައްދުފަހަނައަޅާދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ގާބިލުކަން އިތުރުކުރުމާ ގުޅޭ މުހިންމު ބައިތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ހައްދުފަހަނައަޅާދިއުމަށް މަގުފަހިވާ ކަންކަން، ތައުލީމީ މާހައުލުގައި ހައްދުފަހަނައަޅާދިއުމުގެ ނިޝާންތައް، އެފަދަ މައްސަލަތަކާ ކުރިމަތިލުމުގައި ތައުލީމީ ދާއިރާގެ އެކި ފަރާތްތަކުގެ ދައުރު އަދި ހައްދުފަހަނައަޅާދިއުމުގެ ނިޝާންތަކަށް އަވަހަށް އިޖާބަ ދޭނެ ގޮތްތައް ކިޔައިދޭނެއެވެ.

މި ތަމްރީން ކޯހާއި ވޯކްޝޮޕަކީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމާއި މެދުމިނުގެ އުސޫލުތައް ޕްރޮމޯޓް ކުރުމާ ގުޅޭ ގޮތުން ޓީޗަރުންނާއި ދަރިވަރުން ހޭލުންތެރިކޮށް، ތައުލީމީ ދާއިރާ އާއި ތައުލީމީ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެމްސީޓީސީން ރާއްޖޭގައި ހިންގާ ”ޕްރިވެންޝަން“ އިނީޝިއޭޓިވްގެ ތެރެއިން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކެކެވެ.




