ޝާމިލު ލޯގޯ ތަންފީޒުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ)އާ ދެމެދު ސޮއިކޮށްފިއެވެ.
އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަކެތީގައި ޖަހާ ލޯގޯ ދޫކޮށް ހިނގުމާ ގުޅޭގޮތުން އެ މިނިސްޓްރީއާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި ފަހުމުނާމާގެ މަޤަޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުމާއި، ވަކި އުސޫލެއްގެ ދަށުން މޮނިޓަރ ކުރެވިގެން އެ ފަރާތްތަކުގެ ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
”ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ އުފެއްދުމެއްކަން އަންގައިދޭ ޝާމިލް ލޯގޯ ބޭނުންކުރަން ފެށުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މަސައްކަތްތެރިކަމާއި، އެ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމުގެ ފުރުޞަތުތައް ފަހިވެގެންދާނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން ކުރެހުމާއި، އަތްތެރި މަސައްކަތް، ކާބޯތަކެތި އަދި އެހެނިހެން ގިންތީގެ އަމިއްލަ އުފެއްދުންތަކުގައި މި ލޯގޯ ބޭނުންކުރުމާއި، މާކެޓަށް މި ތަކެތި ވިއްކުމަށް ހުޅުވާލުމަކީ މި ލޯގޯ ތަންފީޒު ކުރުމުގެ މައިގަނޑު އަމާޒު ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.
މި ލޯގޯ ތަންފީޒުކުރާނީ މިނިސްޓްރީން އަދި މިނިސްޓްރީގެ ލަފާގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނެފައި ވެއެވެ.



