ލ.މާވަށުގައި 10 ޓަނުގެ އައިސްޕްލާންޓު ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މާވަށުގައި ގާއިމްކުރާ 10 ޓަނުގެ އައިސްޕްލާންޓާއި 20 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާވަށައް ވަޑައިގަތުމުން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިފްކޯއާއެވެ.
މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމްއެވެ. އަދި މިފްކޯގެފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓު ޔުނިޓްގެ މެނޭޖަރ މުހައްމަދު ޝަމީމްއެވެ.
މާވަށުގައި ގާއިމް ކުރާ 10 ޓަނުގެ އައިސް ޕްލާންޓުގެ މަސައްކަތް ނިމުމުން އެ ސަރަހައްދުގެ އަދި މާވަށުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް އެކަމުގެ މަންފާކުރާނެ ކަމަށެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.




