މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓް ގާޑް ޓްރެއިނިންގ ސްކޫލް ގުޅިގެން ހިންގި ”ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ“ ކޯސް ނިންމާލައި، އެ ކޯސް ފުރިހަމަކުރި ބައިވެރިންނަށް އިއްޔެ ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފް ކޯސްޓް ގާޑް ޓްރެއިނިން ސްކޫލް އިން ގިރިފުށީގައި އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި ޖުމްލަ 30 ފަރާތަކުން ބައިވެރިވި ކަމަށް އެމްޕީއެލްއިން ބުންޏެވެ. އެއީ އެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓާއި، ސަރަހައްދީ ދެ ޕޯޓް ކަމަށްވާ ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
މި ކޯހުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ކޯސް ފުރިހަމަ ފަރާތްތަކަށް ވަނީ ސެޓްފިކެޓް ދީފައެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ.
މިއީ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރާއި، ސަރަހައްދީ ބަނދަރުތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލްކަމާއި ހުނަރު އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފްއާ ގުޅިގެން ހިންގާ ކޯހެކެވެ. މިއީ މީގެ އަހަރުތަކެއް ކުރިން އެމްއެންޑީއެފް އާއި އެމްޕީއެލްއިން ގުޅިގެން ބާއްވަން ފެށި ކޯހެކެވެ.
މި ތަމްރީނުގެ މައިގަނޑު މަޤްސަދަކީ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާކޮށް، ސެކިއުރިޓީންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމެވެ. އަދި މީގެއިތުުރުން، މާލޭ ސަރަހައްދުގެ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލްކަން އިތުުރުކުރުމެވެ.
މި ކޯހުގައި، ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތާއި، ސެކިއުރިޓީ ޑްރިލްތަކާއި، މަސައްކަތުގެ އަޚްލާޤު ހިމެނޭ އަމަލީ ތަމްރީނުތަކާއެކު، އައިއެސްޕީއެސް ކޯޑަށް އަމަލުކުރުމާއި، ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިޓައިމް ސޭފްޓީ އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސެޝަންތައް ކުރިއަށްގެންދިޔައެވެ.



