ޤައުމީ ދާރުލްއާސާރު ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާކަމުގެ ޔަގީންކަން ކަށަވަރުކުރެވިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އާދަމް ނަޞީރު ވިދާޅުވީ، މި ސަރުކާރުން ކުރަމުން މިދާ ޤައުމީ ދާރުލްއާސާރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތަކީ ދާރުލްއާސާރު ހުރި އިމާރާތުގެ އެތެރެއާއި އިމާރާތުގެ ބޭރު ސަރަޙައްދާ ގުޅިފައިވާ މަސައްކަތްތަކެއް ކަމަށެވެ.
އާސާރުގެ ގޮތުގައި ހިމެނޭ އެތައް އެއްޗެއް ދާރުލްއާސާރު ހުންނަ އިމާރާތުގެ ބޭރުގައި ވެސް އާސާރުގެ ގޮތުގައި ދައްކަން ބެހެއްޓިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ސަރަޙައްދާއި ޤައުމީ ދާރުލްއާސާރު ހުންނަ އިމާރާތަށް އިތުރު ތަރައްޤީ ގެނައުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި، ކުރިން އެތަނުގައި ހުރި އެތައްބައިވަރު ކުންޏެއް ވަނީ ނަގައި އުކާފައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކުނި ކަމަށް ކަނޑައަޅަން ޖެހޭ ތަކެތި އެއީ ނައްތާލަންޖެހޭ ކުނި ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު: 3/2006 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދާއި ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.
އަދި ނައްތާލަންޖެހޭ ތަކެތި ނައްތާލާފައިވަނީ ވެސް އެ ޤާނޫނާއި ގަވާއިދާއި އުސޫލާ އެއްގޮތްވާގޮތުގެ މަތީން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
“ދާރުލްއާސާރުގެ އެތެރެއިން އުކާލެވުނު ކުނި ހުރީ އާސާރީ ތަކެތި ހުންނަ ބަޔަކު ނޫންކަމަށާއި، ދާރުލްއާސާރު ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ދާރުލްއާސާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާކަމުގެ ޔަގީންކަން ކަށަވަރުކުރެވިފައިވާނެ“ މިނިސްޓަރު ވިދާޅުވިއެވެ.



