ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ހުރި ކަންކަމަށް ވޯޓަށް އަހާ ވަގުތު ޖެހުނު އިރު ތަޅުމުގައި ހާޒިރުވެތިބި މެންބަރުންގެ އަދަދު މަދުކަމުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ކަމަށް ރައްޔިތުންގެ މަޖިލިހުން އައްޔަންކުރާ ބޭފުޅުންނަށް މަޖިލިހުން ރުހުން ދިނުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހޭ ގޮތެއް ނުވިއެވެ.
އެހެންކަމުން މިއަދުގެ ޖަލްސާގައި އެ ވޯޓު ނެގެން ނެތްކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައިސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ގާނޫނުގައިވާ ގޮތުން އެ ވޯޓު ނެގޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ހަމަވާ ވަރަށް މެންބަރުން ތިއްބަވައިގެން ކަމަށެވެ.
އެގޮތުން ނާޒިމް ވިދާޅުވީ، މީޑިއާ ކޮމިޝަންގެ މެންބަރުން ކަނޑައެޅުމުގެ ވޯޓު ނެގުމަށްޓަކައި 47 މެންބަރުން މަޖިލިހުގެ ތަޅުމުގައި ހާޒިރުވަޑައިގެން ތިބެން ޖެހެއެވެ.
އެ ވޯޓު ނެގޭ ގޮތް ނުވުމުން ނާޒިމް ނިންމެވީ ވޯޓަށް އަހަން ހުރި އެހެން ކަންތައްތަކަށް ވެސް މިއަދު ވޯޓު ނުނެގުމަށެވެ.
”އަޅުގަނޑު އެދެން (ޕީއެންސީ)ގެ ޕީޖީ ލީޑަރު މަސައްކަތް ކޮށްދެއްވުމަށް ހާޒިރީ މި ކަމަށް ފަހިވާނެ ގޮތަކަށް ކުރިއަށް އޮތް ޖަލްސާތަކުގައި ކަންތައްތައް އިންތިޒާމު ކޮށްދެއްވަން“ ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ 17 މެންބަރަކު ރަސްމީ ދަތުރުތަކުގައި އުޅުއްވާ އިރު ސަލާމުގައި ހުންނެވީ އެންމެ މެންބަރެކެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އެވެ. ނާޒިމް ދެއްވި ތަފާސްހިސާބުތަކުން އެނގުނު ގޮތުގައި މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި ތަޅުމުގައި 28 މެންބަރަކު ވަޑައިގެން ނެތީ ވަކި ސަބަބެއް އެންގެވުމަކާ ނުލައެވެ.



