ފުރާޅުން ޓިނު ނަގައިގެން ފިހާރައަކުން ސިނގިރޭޓް ވަގަށް ނެގި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ރ. ރަސްގަތީމު ރަސްރީތި އިބްރާހިމް ސަފްވާންގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައިވާއިރު އެއް ދައުވާގައި ބުނެފައި ވަނީ ބާޒާރުމަތީގައި ހުންނަ ގޮވެލި ފިހާރައިން ކެމަލް ހާޑް ބްރޭންޑްގެ 30 ސިނގިރޭޓް ކާޓޫނާއި، ކެމަލް ލައިޓް ބްރޭންޑްގެ ދެ ކާޓޫނާއި ކެމަލް ލައިޓް ބްރޭންޑްގެ 8 ފޮށި ސިނގިރޭޓް ވަގަށް ނަގާފައިވާ ކަމަށެވެ.
މީގެ އިތުރުން ދައުލަތުން ދެން އުފުލާފައިވާ ދައުވާއަކީ އެ ފިހާރައިގެ ފުރާޅުން ޓިނުގަނޑެއް ހަލާކު ކޮށްލާފައިވާތީ މުދަަަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި އޭނާ ވަނީ ދެ ދައުވާއަށް އިއުތިރާފުވެ އިއުތިރާފުގެ އެއްބަސްްވުން ހަދާފައެވެ.
އެހެންކަމުން ވައްކަން ކުރުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.
ނަމަވެސް އޭނާގެ މައްޗަށް ކޯޓުން ވަނީ ޖަލު ހުކުމްގެ އަދަބު ހަތަރު ދުވަހަށް ބަދަލުކޮށް 28400 ރުފިޔާއިން ޖޫރިމަނާކޮށް މީރާއަށް
ފައިސާ ދައްކަން އަންގާފައެވެ.
އަދި މުދަަަލަށް ގެއްލުންދިނުމުގެ ކުށުގައި 18 ދުވަހަށް ޖަލަށް ލާން ހުކުމްކޮށް، ޖަލު ހުކުމްގެ ބަދަލުގައި 3600 ރުފިޔާއިން ޖޫރިމަނާކޮށް ދެ މަސްދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކަން ވަނީ އަންގާފައެވެ.




