ނޮވެމްބަރ 3، 1988 ވަނަ އަހަރު ދިވެހިންތަކަކާ ގުޅިގެން ރާއްޖެއަށް ތަމަޅަ ޓައިގަރުން ދިން އުދުވާނީ ހަމަލާގައި ދުޝްމަނުން ރަހީނުކޮށް ޒަހަމްކޮށްލި އިސްމާއިލް ރަޝީދު ނިޔާވެއްޖެއެވެ.
އިސްމާއިލް ރަޝީދު ނިޔާވެފައިވަނީ މި މަހުގެ 19ވަނަ ދުވަހުގަ އިންޑިއާގެ ބެންގަލޫރުގައެވެ. ކަށުނަމާދު ކުރުން އޮތީ މިއަދުގެ މެންދުރު ނަމާދަށްފަހު އިންޑިއާގެ ބެންގަލޫރުގެ ކުއްދޫސް ސަބް ގަބުރުސްތާނުގައެވެ. އިސްމާއިލް ރަޝީދު ނިޔާވިއިރު، އުމުރުފުޅުން 55 އަހަރެވެ.
މަޝްހޫރު ލިޔުންތެރިވާ ޢަބްދުﷲ ސައީދު ވަނީ، އިސްމާއިލް ރަޝީދު ނިޔާވި ޚަބަރާއެކު، ކުރު މައުލޫމާތުކޮޅެއް ވެސް އިއްޔެ އޭނާގެ ފޭސްބުކްގައި ހިއްސާ ކޮށްފައެވެ.
އެގޮތުން ޢަބްދުﷲ ސައީދު ވިދާޅުވެފައިވަނީ، މ. އިރާސްމިކްގެ އިސްމާއިލް ރަޝީދަކީ 1988 ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއިން ދުޝްމަނުން ބަލިވުމުން، ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދިއުމަށް ހައިޖެކްކުރި ރާއްޖޭގެ އާގު ބޯޓެއްކަމަށްވާ ”ޕްރޮގްރެސްލައިޓު“ ގައި ގެންދިޔަ ރަހީނެއް ކަމަށެވެ.
ރާއްޖެއަށް ނިރުބަވެރު ހަމަލާތަކެއް އެދުވަހު ދިން އެ ދުޝްމަނުން ގިނަ ރަހީނުން ބޭނުންކުރީ އިންސާނީ އައްޑަނައެއްގެ ގޮތުގައެވެ. އެއީ ރަހީނުން ކުރިމައްޗަށް ނެރެގެން ތިބެ، ރަހީނުގެ ފަހަތުގައި ދުޝްމަނުން ފިލާތިބެގެން ރައްކާތެރިކަން ހޯދުމަށެވެ.
އެގޮތަށް ބައިތިއްބާފައި ތިބުމުގެ ސަބަބުން، ރަހީނުން ސަލާމަތްކޮށް، ދުޝްމަނުން އަތުލައިގަތުމަށް ޕްރޮގްރެސްލައިޓަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު ”އައިއެންއެސް“ ގޯދާވަރީން ދިން ހަމަލާތަކުގައި، އިސްމާއިލް ރަޝީދު ވެސް ޒަޚަމުވި ކަމުގައި ސައީދު ވިދާޅުވެފައިވެއެވެ.
ސައީދު މައުލޫމާތު ދީފައިވާ ގޮތުގައި، ނޮވެމްބަރ 3ގެ އުދުވާނީ ހަމަލާ ކުރިމަތިވިއިރު އިސްމާއިލް ރަޝީދު މަސައްކަތް ކުރަމުން ދިޔައީ ފިހާޅޮހި ރިސޯޓުގައެވެ. އޭނާއާއި އެ ރިސޯޓުގެ ބައެއް މުއައްޒަފުން މާލެ އައި ދޯނި މާލޭ ފަޅުން ވަދެގެން އެއްގަމު ތޮށްޓާ ކައިރިކުރަން ފެށުމުން އެ ދޯނީގައި ތިބި އެންމެން ދޯނިން ފޭބުމަށް އެއްގަމު ތޮށިމަތީގައި ބަޑި ދިއްކޮށްގެން ތިބި ތަމަޅަ ޓައިގަރުން އަންގަމުން ދިޔައެވެ. ދުޝްމަނުން މަސައްކަތްކުރީ އެ މީހުން ހައިޖެކްކުރި ބޯޓަށް ދާނެ ދޯންޏެވެ.
އެވަގުތު ފުރާނަ ސަލާމަތްވާނީ މޫދަށް ފުންމާލައިގެން ކަމަށް ބަލައި، އިސްމާއިލް ރަޝީދާއި ފިހާޅޮހި ރިސޯޓުގެ ޑައިވިންގ އިންސްޓްރެކްޓަރ އުޅުނު ސްވިޒަރލެންޑުގެ ޕީޓަރ އާއި ސ. މަރަދޫ އާގިސާމަންޒިލް / ޙަސަން ޝާހިދު މޫދަށް ފުންމާލައިގެން ގޮސް ފަޅުގައި އަޅާފައި އޮތް އައްޑޫ ބޯޓަކަށް އެރިއެވެ.
ނަމަވެސް އެ ބޯޓުގައި ތިބުމަކީ ވެސް އެންމެ ރައްކާތެރިކަމެއް ކަމަށް ނުފެންނާތީ ސަލާމަތްވާނެ ގޮތެއް ފެނޭތޯ ބަލަން ފެށިއެވެ. އެވަގުތު ވިލިގިލި ރިސޯޓަށް ދިއުމަށް ފަޅުން ނިކުންނަން ދިޔަ ދޯންޏެއް ފެނިގެން އެ ދޯންޏަށް ތިން މީހުން ގޮސް އެރިއެވެ. އެ ދޯންޏަށް ތިން މީހުން ގޮސް އެރިތަނުން ދުޝްމަނުންނަށް ފެނިގެން އެ ދޯންޏަށް ބަޑިޖަހައި ދޯނި ހުއްޓުވިއެވެ. އަދި އެ ދޯނިން އެ ތިން މީހުން ބާލައިގެން ގެންގޮސް އެރުވީ ޕްރޮގްރެސްލައިޓަށް ރަހީނުން ގެންދިއުމަށް ރަހީނުން އަރުވާފައި އޮތް ދޯންޏަށެވެ.
ދުޝްމަނުންގެ އަތްދަށުން ސަލާމަތްވުމަށް ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެ އެންމެ ފަހުން އަނެއްކާ ވެސް ރަހީނެއްގެ ގޮތުގައި އެމީހުންގެ އަތްދަށުވީއެވެ. އަދި ޕްރޮގްރެސްލައިޓަށް އަރުވައި ދަތުރަށް ފެށިއެވެ.
އޭރު އެހެން ރަހީނުންނެކޭ އެއްގޮތަށް އިސްމާއިލް ރަޝީދު ވެސް ދިޔައީ ދުލުން ހެޔޮ އެއްޗެހި ކިޔައި، ޒިކުރު ކުރަމުންނެވެ. އެންމެން ވެސް ގަބޫލުކޮށްގެން ތިބީ ދެންމެދެންމެ ބަޑިޖަހައި މަރާލަފާނެކަމަށެވެ.
ޕްރޮގްރެސްލައިޓާ ގޯދާވަރީ ކައިރިކުރަން ފެށުމުން ފަހަރަކު ރަަހީނަކު ޝަހީދުކޮށްލާނެ ކަމަށް ނިރުބަވެރިން ދިޔައީ ގޮވަމުންނެވެ. މިގޮތުން ރަހީނުންގެ ކުރިމަތީގައި ޝަހީދު މެރިހާނާ ޢަބްދުއްސައްތާރުގެ ކަނު ބަދެފައި ބޮލަށް ބަޑިޖަހައި ޝަހީދުކޮށް ކަނޑަށް އެއްލާލިއެވެ. އެވަގުތު ދެން އެގޮތަށް މަރާލަން ގެންދާނީ ކާކުތޯ ހިތާހިތުން ރަހީނުން ތިބީ ސުވާލުކޮށްކޮށެވެ. ވަރަށް ވެސް ބިރުވެރި ނާމާން މަންޒަރެކެވެ.
އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީން އިންޒާރުދެމުން ހަމަލާތައް ދިޔައީ ވަރުގަދަކުރަމުންނެވެ. ޕްރޮގްރެސްލައިޓް ހުއްޓުވުމަށް ގޯދާވަރީން ދިން ހަމަލާއެއްގައި އިސްމާއިލް ރަޝީދުގެ ވާތުކޮނޑާދިމާއިން ބުރަކަށްޓަށް އެއްޗެއް ވަދެ ފަަޅައިގެން ދިޔައެވެ. އަދި ބޮލުގެ ވާތްފަރާތުގެ އަރިމަތިން ބޮޑުތަނެއް ފަޅައިގެން ދިޔައެވެ. މީގެ އިތުރުން ބުރަކަށީގެ ވާތްފަރާތުން ތަނެއް ކަފައިގެންގޮސް، ވާތުފައިތިލަ ވެސް ޒަޅަމުވިއެވެ. އަދިގައިގެ އެތަންމިތަނަށް ދަގަނޑު އެތިއެތިކޮޅުތައް ވެސް ވަދެފައި ހުއްޓެވެ.
އެދުވަހު އެ ބިރުވެރި ހާދިސާއިން އަނިޔާ ލިބުނު ކަމުގައިވިޔަސް، މާތް ﷲ ގެ ރަޙްމަތުން އިސްމާއިލް ރަޝީދު ސަލާމަތްވިއެވެ.
އިސްމާއިލް ރަޝީދު ނިޔާވި ޚަބަރު މިއަދު މި އެހީ ވަރަށް ފުން ހިތާމައާ އެކުގައެވެ.
މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! އާމީން
ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް އުދުވާނީ ހަމަލާ ދިނީ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ، ޕެރިސްހޮލިޑޭ، އަހްމަދު ނާސިރު (ސަގަރު ނާސިރު) ގެނައި ސްރީ ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުގެ ކުލީ ސިފައިންނެވެ.



