އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ލ. މުންޑޫ ބަނދަރުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުންޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު، މުންޑޫ ސްކޫލްގައި ކުރިއަށް ގެންދެވި މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، މުންޑޫ ރައްޔިތުންގެ އާންމު އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސްއާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މުންޑޫ ކައުންސިލުން ވިދާޅުވީ އެ ރަށަށް މިވަގުތު ބޭނުންވާ އެންމެ މުހިންމު ކަމަކީ ރަށުގެ ބަނދަރު ރަނގަޅުކޮށްދެއްވުން ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި އާއްމުންގެ ފަރާތުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ޞިއްޙީ ޚިދުމަތް މިހާރަށް ވުރެ ރަނގަޅުކޮށްދެއްވުމަށާއި، ރަށުގައި އަންހެނުން ވޮލީކުޅޭނެ ކޯޓެއް ހެދުން ހިމެނެއެވެ.
މުންޑޫ ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ކުރިއަށް ގެންދަވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ، ކުޅިވަރުގެ ވަސީލަތް ގާއިމްކޮށްދެއްވުމާއި، ޞިއްޙީ މަރުކަޒުން ބައެއް ޓެސްޓްތައް ހެދޭނެ ވަސީލަތް ގާއިމު ކުރުމާއި، ސްކޫލް އޭސީ ކުރުމުގެ މަސައްކަތް، މުންޑޫގައިވެސް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށެވެ.
ރައީސް ވަނީ މުންޑޫ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފައެވެ.




