ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުއާޒް އަލީގެ ބައިވެރިވުން އޮތް ކަމަށް ގަބޫލު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފިއެވެ.
ސައުދީ އަރަބިއާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް ކޯޓުން އިއްޔެ ވަނީ ޖަހާފައެވެ.
އެ އަމުރުގައި ބުނެފައިވާ ގޮތުގައި މުއާޒާ ދެކޮޅަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ހުރި ތަފްސީލީ ވާހަކަތަކަށް ބަލާއިރު ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރިކަމަށް ބެލެވޭ ކަމުގައި ބުނެފައިވެއެވެ. އަދި އޭނާއާ ކުށާ ގުޅުވާލެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
މުއާޒުގެ މައްޗަށް ފުލުހުން ކުރަނީ އެމްޕީއެލްގެ ބެލުމުގެ ދަށުން ހުޅުމާލޭ ޕޯޓުގައި ހުރި ސިނގިރޭޓުތައް ވަގަށް ގެންދިއުމަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ.
މުއާޒުގެ އިތުރުން މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްގެ މިހާރުގެ ވެސް އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް މި މައްސަލައާ ގުޅިގެން ވަނީ ހައްޔަރުކޮށްފައެވެ.




