ލ. ދަނބިދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ހިއްސާކުރައްވައިފިއެވެ.
ހައްދުންމަތީ ދަނބިދޫ ކައުންސިލުން އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައި ވަނީ އެ މަނިކުފާނު ލ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ދަނބިދޫއަށް ވަޑައިގަތުމުންނެވެ.
އެގޮތުން ދަނބިދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އަދި އެ ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ރައީސް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ އެ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ދަނބިދޫ ސުކޫލުގައި ކުރިއަށްގެންދިޔަ އެ ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
މިގޮތުން ކައުންސިލުން ވަނީ، ރަށުގެ ނަރުދަމާ އާއި ކަރަންޓްގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި މަސައްކަތް ހުއްޓިފައިހުރި، ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތާއި، ސްކޫލްގެ މަލްޓި ޕަރޕަސް ހޯލާއި، މިސްކިތާއި، ކޯޒްވޭގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ހަމައެހެންމެ ރަށުގެ ޒުވާނުންނަށް ހޭންޑް ބޯލް ކޯޓެއް ބޭނުންވާކަމާއި، ބޮޑު ފުޓްބޯޅަ ދަނޑުގެ ފެންސްގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މެމްބަރުން އެދިވަޑައިގެންނެވިއެވެ.
ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި، ރަށުގެ ބަނދަރު އަޕްގްރޭޑްކޮށްދެއްވުމަށާއި ރަށުގެ ނެރު ފުން ކޮށްދެއްވުމަށާއި، އެމްބިއުލާންސެއް ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.



