ލ. ދަނބިދޫ މަގުހެދުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަވާނީ ނަރުދަމާގެ މައްސަލަ ހައްލުކުރެއްވުމަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ެެއެ އަތޮޅު ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ދަނބިދޫގެ ނަރުދަމާ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އިސްކަން ދެއްވާނެ ކަމަށެވެ.
ދަނބިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވެވި ޖަލްސާގައި ދަނބިދޫ މަގުހެދުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މި މަސައްކަތް ޙަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއެވެ.
ދަނބިދޫގައި މިއަދު ރަސްމީކޮށް ޢަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތަކުގެ ރަސްމިއްޔާތު، ވިއްސާރަވުމުގެ ސަބަބުން ވަނީ ކެންސަލް ކޮށްފައެވެ.
އޭގެ ތެރޭގައި ދަނބިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމާއި، ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ ޢިމާރާތުގެ ބިންގާ އެޅުމާއި، ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމާއި، ފުލުހުންގެ އިދާރާ އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން ހިމެނެއެވެ.
މި ރަސްމިއްޔާތުތައް މިއަދު ކުރިއަށް ނުގެންދެވުނު ނަމަވެސް މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ.



