ޖަޕާނުގެ އައު ބޮޑު ވަޒީރު ހަރ އެކްސަލަންސީ ސަނޭ ޓަކައިޗީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހޫނު މަރުޙަބާއެއް ދަންނަވައި ތަހުނިޔާ ފޮނުއްވައިފިއެވެ.
މިއީ ޖަޕާނުގެ ތާރީޚުގައި އަންހެން ބޭފުޅަކު ބޮޑުވަޒީރުކަމުގެ މަޤާމަށް އިންތިހާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ޖަޕާނުގެ އާ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ބޮޑުވަޒީރު ޓަކައިޗީގެ ލީޑަރޝިޕާއި ތަޖުރިބާއާއި ޤާބިލުކަމާއެކު، އެ ކަމަނާގެ ޒަޢާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ތަރައްޤީ ހޯއްދަވައި ދެއްވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަން ހާމަކުރައްވާފައެވެ.
އަދި ބޮޑުވަޒީރު ތަކައިޗީއާއި އެކަމަނާގެ ސަރުކާރާއެކު ގާތުން މަސައްކަތްޕުޅު ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ވަނީ ފާޅުކުރައްވާފައެވެ.



