ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައި، މި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިއަަހަރުގެ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމްސް އިން ހިފަހައްޓާފައިހުރި 2 ކޮންޓެއިނަރު ސިނގިރޭޓު، ހުޅުމާލޭގައި ހުންނަ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގައެވެ.
މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ވެސް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
މީގެއިތުރުން މިކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު މި މަހުގެ 14ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނެއެވެ.
ފުލުހުން މިއަދު ހާމަކުރިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މއ. އެވަރ ގްލޯރީ / އަހްމަދު އާރިފް (61އ.) އާއި ބ. އޭދަފުށި ދިގަލި / މުޙައްމަދު ވަހީދު (65އ.) އާއި ހ. ނިއު ހެޕިނެސް / މުއާޒް އަލީ (48އ.) އަދި ހއ. ވައިކަރަދޫ މެދުރީގެ / ޒިވާރު އިސްމާއިލް (40އ.) އެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން އިތުރު މީހަކު ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މީގެއިތުރުން، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، 2025 އޮކްޓޯބަރ 19 ވަނަ ދުވަހު ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެގޮތުން އެ އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.



