އެހެން ރަށްރަށުން ލ.ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލު ވަރަށް އަވަހަށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ގަމަށް މިއަދު ވަޑައިގެން، ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ލ. ގަމަކީ އެހެން ރަށްރަށުން މީހުން އެރަށަށް ބަދަލުވެ، ދިރިއުޅެމުންދާ ރަށަކަށްވާއިރު އަދުލުވެރިކަމުގެ ތެރެއިން އިންސާފުވެރިކަން ގާއިމްނުވެ ހުރި ކަންތައްތަކެއް ހުރި ރަށެއްކަމަށެވެ. އަދި މީހުން ބަދަލުކުރާއިރު ސަރުކާރުގެ އަބަދުގެވެސް ސިޔާސަތަކީ ބަދަލުގެ ފައިސާއެއްގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ހަވާލުކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެއިރު އޮންނަނީ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ދިނުންކަމަށާއި، ރިޔާސީ ކެންޕެއިންގެ ތެރޭގައި ރައްޔިތުން އެ ކަންބޮޑުވުން ހިއްސާކުރުމުން އެކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް މި ފައިސާ އެ ފަރާތްތަކަށް ދީ ހަލާސް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
169 ފަރާތެއް މި ފައިސާ ލިބެންޖެހޭކަން އަޅުގަނޑުމެންނަށް ރަސްމީކޮށް މިހާރު މިނިސްޓްރީއަށް ލިޔެކިޔުމުން ލިބިފައި އެބައޮތް. އެއީ ގާތްގަނޑަކަށް 8.45 މިލިޔަން ރުފިޔާ 50،000 ރުފިޔާގެ ރޭޓުން. އެ ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފައި. ދެން ފިނޭންސް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީގެ ޓީމެއް މިރަށަށް ދާދި އަވަހަށް އަންނާނެ. އައިސް ލިބޭ ފަރާތްތަކާއި ބައްދަލުކޮށް އެ ފަރާތްތަކާއި ތަފްސީލްތައް އިތުރަށް އޮޅުންފިލުވާ އެ ބޭފުޅެއްގެ ބޭންކް އެކައުންޓް ހޯދައި ސީދާ އެ އެކައުންޓަށް ޖަމާކުރުމަށް އަޅުގަނޑުމެން ނިންމާފައި މިއޮތީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ވިދާޅުވީ އަލަށް ސޮއިކުރި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢާއި، މިހާރު ހިނގަމުންދާ 100 ހައުސިންގ ޔުނިޓުގެ މަޝްރޫޢާއި، 100 ހައުސިންގ ޔުނިޓުގެ އިތުރު މަޝްރޫޢެއް ހިމެނޭގޮތަށް ގަމުގައި ޖުމުލަ 300 ހައުސިންގ ޔުނިޓު ޤާއިމުކުރެއްވުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދަވާނެ ކަމަށެވެ.



