ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައި، މި މައްސަލައިގައި އިތުރަށް ހައްޔަރު ކުރި މީހާގެ ވަނަވަރު ފުލުހުން ދާދިދެންމެއަކު ހާމަކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ، ކ.ތުލުސްދޫ، ލިންކް / ޙަސަން ޢަބްދުއްރަޙްމާން (52އ) އެވެ.
ޙަސަން ޢަބްދުއްރަޙްމާން ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިއަަހަރުގެ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމްސް އިން ހިފަހައްޓާފައިހުރި 2 ކޮންޓެއިނަރު ސިނގިރޭޓު، ހުޅުމާލޭގައި ހުންނަ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގައެވެ.
މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ވެސް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
މީގެއިތުރުން މިކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު މި މަހުގެ 14ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނެއެވެ.
ފުލުހުން މިއަދު ހާމަކުރިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މއ. އެވަރ ގްލޯރީ / އަހްމަދު އާރިފް (61އ.) އާއި ބ. އޭދަފުށި ދިގަލި / މުޙައްމަދު ވަހީދު (65އ.) އާއި ހ. ނިއު ހެޕިނެސް / މުއާޒް އަލީ (48އ.) އަދި ހއ. ވައިކަރަދޫ މެދުރީގެ / ޒިވާރު އިސްމާއިލް (40އ.) އެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، 2025 އޮކްޓޯބަރ 19 ވަނަ ދުވަހު ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެގޮތުން އެ އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




