ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލ. ކަލައިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް މިއަދު ގާއިމުކޮށްފިއެވެ.
ކަލައިދޫގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ދައުލަތުގެ ބައެއްް މިނިސްޓަރުންގެ އިތުރުން ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި އެ ބޭންކުގެ އިސްބޭފުޅުންނެވެ.
”ލ. އަތޮޅުގައި މިއަދު އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާ އެކު، ’މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް‘ މަޝްރޫއުގެ ދަށުން 19 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވިފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،“ ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ ބޭންކިންގް ވިއުގައަށް ބަލާއިރު، 20 އަތޮޅެއްގައި 42 ބްރާންޗެއް ވަނީ ގާއިމް ކޮށްފައެވެ.
މީގެއިތުރުން 200 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 258 އޭޓީއެމް އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް ހިމެނެއެވެ.



