ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދްއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ބޮޑު ދެ މައްސަލައެއްގައި އޭނާ އިއްޔެ ސަސްޕެންޑްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ގާޒީ ފާއިޒް ސަސްޕެންޑު ކޮށްފައި ވަނީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ.
ގާޒީ ފާއިޒް ސަސްޕެންޑު ކޮށްފައިވަނީ 60 ދުވަހަށެވެ. އެއީ ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތެވެ.
އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި އަލީ އަންވަރު މުހައްމަދު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި މިދިޔަ ހަފްތާގައި ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ދިނެވެ. އެކަމަކު އެ މުއްދަތު ހަމަވާތީ މިދިޔަ ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތަކާނުލައި އޭނާވަނީ ދޫކޮށްލާފައެވެ.
އަންވަރު ބަންދުން ދޫކޮށްލުމުން އެހެން އަމުރެއްގެ ދަށުން ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރި ނަމަވެސް، އޭރު އޭނާ ވަނީ ސްރީ ލަންކާއަށް ފުރައިގެން ގޮސްފައެވެ. ފުލުހުން ވަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް އަލީ އަންވަރު ލަންކާއިން ޑީޕޯޓްކުރުވައިފައެވެ. އަދި ރާއްޖެ ގެނައުމާ އެކު އަލުން ހައްޔަރުވެސް ކޮށްފައެވެ.
ގާޒީ ފާއިޒް ވަނީ، އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް 2021 ވަނަ އަހަރު މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ، މީގެ ކުރިން ވެސް ދެ ފަހަރަކު ބަންދުން ދޫކޮށްލައިފައެވެ. އެ ދެ ފަހަރު ވެސް ދައުލަތުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުން އެ ނިންމުންތައް ބާތިލްކޮށްފައިވެއެވެ. އެންމެ ފަހުން މި މަހުގެ ކުރީކޮޅު ވެސް އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ. އެ ނިންމުން ވެސް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން މި ފަހަރު ވެސް ވަނީ ބަންދާ މެދު އަލުން ގޮތެއް ނިންމަން ހައިކޯޓުން އަމުރުކޮށްފައެވެ.
އެކަމަކު ގާޒީ ފާއިޒް ވަނީ ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމޭނީ ލަމްހާގެ ފަރާތުން މުޖުތަމައުއަށް އޮތް ނުރައްކަލެއް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ފަހުގައި ކަމަށާއި އެ އެސެސްމަންޓް ހަދަން ދައުލަތަށް އެންގުމުން އެކަން ކޮށްފައިނުވާ ކަމަށެވެ.




