ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ މާދަމާ ހަވީރު ފުޓްބޯޅަ މެޗެއް ކުޅެން ހަމަޖެހިއްޖެއެވެ.
މި މެޗަށްތަކައި ފީފާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބުނީ، އެ ދަތުރުފުޅުގެ ތެރެއިން އިންފަންޓީނޯ އާއި ރައީސް މުޢުއްޒު ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ފުޓުބޯޅައިގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.
އެއަށް ފަހު، އިންފަންޓީނޯގެ ޝަރަފުގައި ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅެން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން 6:00 އަށެވެ.
މިއީ މިދިޔަ 19 އަހަރު ދުވަހުގެ ތެރޭގައި ފީފާގެ ރައީސަކު ދިވެހިރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މީގެ ކުރީން 2006 ވަނަ އަހަރު އޭރުގެ ފީފާގެ ރައީސް، ސެޕް ބްލެޓާ ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވައިފައެވެ. އެއީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން، އޭނާ ދެ ދުވަހަށް ރާއްޖެއަށް ކުރެއްވި ދަތުރެކެވެ.
އެ ދަތުރުފުޅުގައި ބްލެޓާ ވަނީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ބައްދަލު ކުރައްވައިފައެވެ.




