މަހަކު 35،000 ރުފިޔާގެ މުސާރައެއް ލިބޭގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނަށް ސެކްރަޓަރީ ޖެނެރަލް (އެސްޖީ) އެއް ހޯދަން އިއްޔެ އިއުލާނު ކޮށްފިއެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓު ކުރުމުގެ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމާ ބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުުކޮށްފައިވާން ޖެހެއެވެ.
ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހޭ ކަމަށް ވެސް އިއުލާނުގައިވެއެވެ.
މިއީ ފަސް އަހަރުގެ ދައުރެއް ހިމެނޭ މަގާމެކެވެ. އަދި މުސާރައިގެ ގޮތުގައި 35،000 ރުފިޔާ ލިބޭއިރު، އެއީ، އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާއި ލިވިން އެލަވަންސަށް ލިބޭ 15،000 ރުފިޔާއެވެ.
އެ މަގާމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ބައެއް ސިފަތަކަށް ބަލާއިރު، އުމުރުން 30 އަހަރު ވެފައިވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި މީޑިއާއެއްގެ މަސްއޫލުވެރި ފަރާތް ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރާ މީހަކަށް ނުވުން ހިމެނެއެވެ.
އެ މަގާމަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހޭނީ، އަންނަ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާއަށެވެ.




