ފުވައްމުލަކު ސިޓީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އެ ސިޓީގައި ބިޒްނަސް ފޯރަމެއް މިއަދު ބާއްވައިފިއެވެ.
ފުވައްމުލަކު ސިޓީގެ އޯޝަން ޕާރލްގައި ބޭއްވި ފޯރަމްގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވިއެެވެ.
މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދްގެ އިތުރުން، ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤު، އަދި އެ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ފޯރަމްގައި އެމް.ޕީ.އެލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުންފުނީގެ އެޑްވައިޒަރ އަލީ ހާޝިމް އެވެ.
އެމް.ޕީ.އެލް އިން ބުނިގޮތުގައި މި ފޯރަމްގެ ބޭނުމަކީ ދެކުނުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމާއި، މުދާ ގެނައުމުގައި ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅުކޮށް، ދެކުނު އަތޮޅުތަކުގައި ވިޔަފާރީގެ ވިއުގަ މިހާރަށް ވުރެ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރިވެރިންގެ ހިޔާލު ހޯދުމެވެ.
މީގެ އިތުރުން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބަނދަރުތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާއި ތަރައްޤީކުރުމާއި ބެހޭ މަޢުލޫމާތު ވިޔަފާރިތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ސަރަޙައްދީ ބަނދަރުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި، ރައްޔިތުނަަށް ޚަރަދު ކުޑަކޮށް މުދަލާއި ކާބޯތަކެތި ގެންނަން އޮތް ފުރުސަތުތަކުގެ މަޢުލޫމާތުވެސް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުންޏެވެ.
މިއީ އެމް.ޕީ.އެލްގެ ”ބަދަހި ޕްރޮގްރާމް“ގެ ދަށުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މީގެ ކުރިން ކުޅުދުއްފުށި ސިޓީގައިވެސް އެމް.ޕީ.އެލްއިން ވަނީ މިފަދަ ބިޒްނަސް ފޯރަމެއް ބާއްވައިފައެވެ.
އެ ފޯރަމްގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ބޭފުޅުން ބައިވެރިވެ، ވިޔަފާރީތަކަށް ޙާއްސަކޮށްގެން ބޭންކްތަކުން ދޭ ޚިދުމަތްތަކާ ގުޅޭ މުހިންމު މަޢުލޫމާތު ވިޔަފާރިތަކަށް ފޯރުކޮށްދިނެވެ. މީގެ ތެރޭގައި ލެޓަރ އޮފް ކްރެޑިޓް (އެލްސީ) ބޭނުންކުރުމާއި ލިބެންހުރި ކްރެޑިޓް ފެސިލިޓީތަކާއި ބެހޭ މަޢުލޫމާތު ވިޔަފާރިވެރިންނާއި ހިއްސާކުރެވުނެވެ.
މީގެ އިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވިޔަފާރިތަކަށް ދެވޭ އެހީތެރިކަމާއި، ވިޔަފާރި ތަރައްޤީކުރުމުގެ ފުރުޞަތުތަކާއި، ސަރަޙައްދީ ބަނދަރުތައް މެދުވެރިކޮށް އިމްޕޯޓްކުރުމާއި ވިޔަފާރި ފުޅާކުރަން ބޭނުންވާ ވިޔަފާރިތަކަށް ދެވޭ އިރުޝާދުތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރިއެވެ.




