އަންނަ ހޮނިހިރު ދުވަހު އައްޑޫ ސިޓީގައި ނަގާ ރިފަރެންޑަމް ވޯޓަކީ ޤާނޫނުގެ ތެރެއިން ބާއްވާ ވޯޓެއް ކަމަށާއި، ވޯޓުލުމުގެ ނިޒާމަށް ރައްޔިތުން އޮންނަ އިތުބާރު ދަމަހައްޓަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ހުޅުދޫ، ފޭދޫ އަދި މީދޫ، ސިޓީ ކައުންސިލުން ވަކިކުރުމާއި މެދު ރައްޔިތުންގެ ހިޔާލު ހުރި ނެތް ގޮތް ބެލުމަށް ބާއްވާ ވޯޓަށް ތައްޔާރުވުމުގެ ގޮތުން އީސީގެ ރައީސްއާއި އޮފިޝަލުން އަދި މެންބަރުން ހިމެނޭ ޓީމެއް އައްޑޫ ސިޓީއަށް މިހާރު ވަނީ ގޮސްފައެވެ. އަދި މިޓީމުންވަނީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުއާއި ހިތަދޫއަށް ނިސްބަތްވާ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އީސީން ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާއި ގުޅޭގޮތުން ސިޓީ ކައުންސިލަށް މައުލޫމާތު ދީފައެވެ.
އެގޮތުން އެ ކޮމިޝަނުން ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ވޯޓުގައި ރައްޔިތުން ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ މިބައްދަލުވުމުގައި ވަނީ ވާހަކަދައްކަވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު ވިދާޅުވީ މި ވޯޓަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ޚާއްސަ ޤާނޫނެއް ތައާރަފްވެ އެ ޤާނޫނުގެ ތެރެއިން އަންނަ ފުރަތަމަ ވޯޓު ކަމަށެވެ. އަދި މި ވޯޓަކީ ޤާނޫނުގެ ހަމަތަކުގެ ތެރެއިން ކުރިއަށްގެންދެވޭ ވޯޓެއް ކަމުގެ ޔަގީންކަން ވެސް އީސީގެ ރައީސް ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ، މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ކޮމިޝަނުން ކޮށްފައިވާ މަސައްކަތުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ކޮމިޝަނާއި މެދު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި މި ވޯޓުގައި ރައްޔިތުން ކޮންމެ ގޮތެއް ނިންމިނަމަވެސް އެކަމަށް އިހްތިރާމްކުރާނެކަމަށް ވިދާޅުވިއެވެ. މޭޔަރު ވަނީ ވޯޓުގެ އިންތިޒާމުތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކޮމިޝަނާއި ހިއްސާ ހިއްސާކުރައްވާފައެވެ. އެކަންކަމަށް ކޮމިޝަނުން ވަނީ ޖަވާބުވެސް ދެއްވާފައެވެ.



