މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) ކައިވެންޏެއްވެސް ނުކޮށް ހުއްޓާ، އަދި ދަރިއަކު ވެސް ނެތް އިރު، އޭނާގެ ދަރިފުޅަށް އިހުމާލުވާކަމުގެ ރިޕޯޓެއް ލިބިގެންކަމަށް ބުނެ ”ދަރިފުޅު ނަގަން“ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓުން، އޭނާގެ ގެއަށް ދިޔަ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރާޅު މަރިޔަނބު ވަނީ މި ހާދިސާ ކުރުގޮތަކަށް ”އެކްސް“ ގައި ހިއްސާ ކޮށްފައެވެ.
އެގޮތުން އޭނާ ބުނީ، އެ މިނިސްޓްރީގެ ފަރާތުން އޭނާގެ ދައްތައަށް މިއަދު ކޯލެއް ލިބުން ކަމަށާއި ގުޅި ފަރާތުން ބުނީ ”އޭނާގެ ދެ އަހަރުގެ ދަރިފުޅަށް އިހުމާލުވާކަމުގެ ރިޕޯޓެއް ލިބިގެން، އޭނާ އަތުން ކުއްޖާ ނަގަން ބޭނުންވާ“ ކަމަށެވެ.
”އެމީހުން އަހަންނަކަށް ނުގުޅާ. ދައްތައަށް ގުޅީ. އެހެންވެ އަހަރެން ގުޅިން ވެގެން އުޅޭގޮތެއް ސާފުކުރަން. އެކަމަކު އެމީހުންނަކަށް ޖަވާބެއް ނުދެވުން. އަނެއްކާވެސް އަހަންނަށް ލިބުނީ ދައްތަގެ ފަރާތުން ކޯލެއް. ބުނީ ތަހުގީގު ކުރަން މިނިސްޓްރީން މީހުން އަހަރުމެންގެ ގެއަށް ގޮސްފި ކަމަށް“ ރާޅު މަރިޔަނބު ބުނެފައިވެއެވެ.
”މިއީ ވަރަށް ބޮޑު ތުހުމަތުތަކެއް. އަހަރެންގެ ދަރިއަކު ނުހުރޭ!“
ރާޅު މަރިޔަނބު ބުނީ އެ މިނިސްޓްރީއަށް ފަހުން ވެސް ގުޅައި މި މައްސަލަ ޖެއްސި ކަމަށާއި މިނިސްޓްރީން ފަހުން އޭނާގެ ދައްތައަށް ގުޅައި، އެއީ އޮޅުމެއް ކަމަށް އެއްބަސްވެ މާފަށް އެދުނު ކަމަށެވެ.



