ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދު މުހައްމަދު އިންތިޚާބުކޮށްފިއެވެ.
ޔަޒްމީދު އެ މަގާމަށް އިންތިޚާބުކުރީ އެ މަގާމުގައި ކުރިން ހުންނެވި ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުންނެވެ.
ޔަޒްމީދު މުޙައްމަދަކީ ޖޭއެސްސީގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ހަމައެކަނި މެމްބަރެވެ.
ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައި ވާގޮތުން 10 މެންބަރަކު ޖޭއެސްސީއަށް އައްޔަންކުރަން ޖެހޭނެއެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވާ މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޟާ އާދަމްއާއި، އެ ކޮމިޝަނުގެ ނައިބު ރައީސް ޔަޒްމީދު މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުއާއި، ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒާއި، ދަށު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ފަރުހާދު ރަޝީދާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރު އިދްރީސް ފައުޒީއާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްއާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމާއި، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރު އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފެވެ.



