މާލެއާއި ވިލިމާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ޑިޒައިނިން މަރުހަލާ ފަށަން ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ރާއްޖެއާއި ޗައިނާއިން ސޮއިކޮށްފި އެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ނިންމާފައިވަނީ ޗައިނާއިން ފޯރުކޮށްދޭން ނިންމާފައިވާ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިންނެވެ.
މާލެއާއި ވިލިމާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ޑިޒައިނިން މަރުހަލާ ފަށަން އެލްއޯއީގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ކޮން ޝިއަންވާ އެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތައް ތަރައްޤީކުރާނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްގެންނެވެ. އަދި މި މަޝްރޫޢުގެ ދަށުން ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކުރާނެއެވެ.



