ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓާ ވަަގަށްނެގި އިރު އެ ކޮންޓެއިނަރުތައް އުފުލި ދޯނީގައި ކެޕްޓަނަކަށް ހުރި މީހާ ހައްޔަރުކޮށްފިއެވެ.
މިދިޔަ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ 2025 އޮކްޓޯބަރ 09 ވަނަ ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
އެ ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް މީގެ ކުރިން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މިއަދު އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހައްޔަރުކޮށްފައިވަނީ ކެނެރީގެ / ނ.މިލަދޫ، އާދަމް ވަޙީދު (54އ) އެވެ.
އާދަމް ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މީގެ ކުރިން ބުނީ ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައާ ގުޅިގެން 12 މީހަކު ފުރުން މަނާކޮށް އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
ވަގަށް ނަގާފައި ވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ.


