ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މިއީ ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ފެކަލްޓީ (އެފް.އެޗް.ޓީ.އެސް.) ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.
އެ ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ޒުވާނުންގެ ހިޔާލުތަކަށް ބާރު އެޅުމުގެ ގޮތުންނެވެ.
އެ ރަސްމިއްޔާތުގައި، މުބާރާތުން ވަނަތައް ހާސިލުކުރި ފަރާތްތައް އިޢުލާނުކޮށް، އެ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރެވުނެވެ.
މުބާރާތުގައި ބައިވެރިވި ފަރާތްތަކުން ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިއެރުވުމަށްޓަކައި، ތިމާވެށި ރައްކާތެރިކުރުމާއި، ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމުގެ މުހިންމުކަން ރަނގަޅަށް ދައްކުވައިދޭ ތަފާތު ޕޯސްޓަރުތައް ހުށަހަޅާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވަނީ، ފަތުރުވެރިކަމުގެ ސިނާއަތަށް ފަންނީ، ސިނާއަތަށް ތައްޔާރު ޒުވާނުން ބިނާކުރުމުގައި އެފް.އެޗް.ޓީ.އެސް. އިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ގާއިމުކުރުމަށް، މިފަދަ ހުނަރުވެރި ޒުވާނުންނަކީ މުހިންމު ބައެއްކަމަށާއި، މި ސިނާއަތުގެ ކުރިއެރުމަށް އެފް.އެޗް.ޓީ.އެސް. އިން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.


