ހުޅަނގު އައްސޭރި އަތުލައިފިނަމަ އިޒްރޭލަށް އެމެރިކާގެ ހުރިހާ އެހީތެރިކަމެއް ގެއްލޭނެ ކަމަށް އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ހުޅަނގު އައްސޭރި އަތުލައިފި ނަމަ، އޭގެ ނަތީޖާއާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓައިމް މަޖައްލާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޓްރަމްޕް ވިދާޅުވީ އޭނާގެ ލީޑަޝިޕްގެ ދަށުން މެދުއިރުމަތީގެ ހާލަތު ރަނގަޅުވާނެ ކަމަށެވެ.
”އެއީ އަރަބި ގައުމުތަކަށް އަހަރެން ވެފައިވާ ވައުދެއް.އަރަބި ޤައުމުތަކުގެ ތާއީދު އަހަރެމެންނަށް ލިބެމުން އެބަދޭ. އެފަދަ ކަމެއް ވެއްޖެ ނަމަ އިޒްރޭލަށް އެމެރިކާގެ ހުރިހާ އެހީތެރިކަމެއް ގެއްލިގެންދާނެ،“ ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޓްރަމްޕް ވަނީ އުރުދުން ކޯރުގެ ހުޅަނގު އައްސޭރި އިސްރާއީލަށް ހިފުމުގެ ހުއްދަ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ނަން ހާމަކުރަން ނޭދޭ މަސްދަރަކާ ހަވާލާދީ އެކްސިއޯސް ޕޯޓަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ކުރިއަށް ގެންދިއުމުން އިސްރާއީލުގެ އެކަހެރިކަން އިތުރުވާނެ ކަމަށް ވައިޓް ހައުސްއިން ވަނީ ބޮޑުވަޒީރު ނަތަންޔާހޫއަށް ސާފުކޮށްދީފައެވެ.




