އައްޑޫ ސިޓީގައި ނިޔާވެފައި ތިއްބާ ގެއެއްގެ ތެރެއިން ފެނުނު ދެމަފިރިންގެ މައްޗަށް ކުރެވޭ ކަށުނަމާދު ހުކުރު ނަމާދަށް ފަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ނިޔާވެފައި ތިއްބާ ފެނުނީ ކުރޭނުގެ، އިބްރާހީމް އަބްދުﷲ (60އ)އާއި ނާރެސް، ފަރަހަނާޒް ރަޝީދު (52އ) ކަމަށެވެ.
އަދި އެ މައްސަލައިގައި މިހާތަނަށް ބެލިބެލުމުން، ތުހުމަތު ކުރެވޭ ކަމެއް ފާހަގަވެފައިނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން އެ ދެ މީހުން ކުއްލިގޮތަކަށް ނިޔާވި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިހާރު ވަނީ މިއަދުގެ ހުކުރަށް ފަހު ކަށު ނަމާދު ބޭއްވުމަށް ނިންމާފައެވެ.
ނިޔާވެފައި އޮއްވާ ފެނުނު ފަރަޚްނާޒްގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މަރަދޫ، މަސްޖިދުލް އިޚްލާޞް (ބުރުޒު މިސްކިތް)ގައެވެ. އަދި އިބްރާހީމް އަބްދުﷲގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ މަސްޖިދުލް ތަޤްވާ ( ހުސެއިން މޫސާ މިސްކިތް) ގައެވެ.
މި މަހުގެ 22 ވަނަ ދުވަހު ހިނގި މި ހާދިސާގައި އެ ދެމަފިރިންގެ ހަބަރެއް ނުވެގެން ބަޔަކު އެގެޔަށް ގޮސް ބެލުމުން އެ ދެ މީހުން ފެނިފައިވަނީ ހިތަދޫ ޓުއަރިޒަމް ޒޯނު ހުންނަ ސަރަހައްދުގައި ހުރި އެ ދެމަފިރިންގެ ގޭގައި ނިޔާވެފައި ތިއްބާއެވެ.




