ވައިގެ ދަތުރުފަތުރުގެ ވިޔަފާރި ހަމައެކަނި ދިވެހިންނަށް ކުރެވޭގޮތަށް ސިވިލް އޭވިއޭޝަން އޮޓޯރިޓީން އައު ޤަވައިދެއް އެކުލަވާލައިފިއެވެ.
މިއީ ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ހަދާފައިވާ ގަވާއިދެކެވެ.
ކުރީގެ ގަވައިދުގައިވާ ގޮތުން %49 ބޭރުގެ ފަރާތްތަކުގެ ހިއްސާ އޮންނަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި މިފަދަ ވިޔަފާރިތައް ކުރުމުގެ ހުއްދަ އޮތް ނަމަވެސް މި ގަވައިދުގެ ދަށުން ޖެނެރަލް ސޭލްސް އެޖެންޓުންނާއި ޕެސެންޖާ ސޭލްސް އެޖެންޓުން އަދި ކާގޯ ސޭލްސް އެޖެންޓްގެ ގޮތުގައި އޮޕަރޭޓު ކުރަން ހުއްދަ ދޭނީ ހަމައެކަނި %100 ދިވެހި ކުންފުނިތަކަށެވެ.
މިކަމާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދހ އަމީން ވިދާޅުވީ އަލަށް އެކުލަވާލި ގަވައިދާއިއެކު ވައިގެ ދަތުރުފަތުރު އަދި ޓްރާންސްޕޯޓް ދާއިރާއިން ލިބޭ މާލީ ފައިދާތައް ދިވެހި އިޤްތިޞާދުގެ ތެރޭގައި ހިފެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅާއިއެކު ގެނެވުނު ބަދަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



