މާތް ﷲގެ ވަލިއްޔުންނަކީ، އެކަލާނގެއަށް އީމާންވެ ތަޤުވާވެރިވީ މީހުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”މާތްﷲގެ ވަލިއްޔުން“ މި މަޢުޟޫޢުއަށް މިއަދު ދިން ހުކުރު ޚުޠުބާގައި ބުނީ މާތް اللهގެ ވަލިއްޔުންނަކީ ކޮންބައެއްކަމާއި އިންސާނާއަށް، އެކަލާނގެ ވަލިއްޔުންގެ ދަރަޖައަށް ވާސިލުވެވޭނީ ކިހިނަކުންކަން ދަންނާން ޖެހޭ ކަމަށެވެ.
ހަމައެހެންމެ އެކަލާނގެ ވަލިއްޔުންނަށް ދެއްވަވާ ދަރަޖައާއި ޖަޒާއަކީ ކޮބައިކަން ދެނެގަންނާން ޖެހޭ ކަމަށާއި މި ސުވާލުތަކުގެ ޖަވާބު މާތް اللهގެ ކަލާމްފުޅުގައި އެކަލާނގެ އަންގަވާފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”ދަންނާށެވެ! ހަމަކަށަވަރުން، اللَّهގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. އެއުރެންނަކީ إِيْـمَانވެ، تقوىވެރިވެ އުޅުނު މީހުންނެވެ. ދުނިޔޭގެ حَيَاةُގައްޔާއި، آخِرَةُގައި އެއުރެންނަށް އުފާވެރިކަމުގެ خَبَرُ ހުށްޓެވެ. اللَّهގެ كَلِمَةފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ. ބޮޑުވެގެންވާ نَصِيْبُލިބުމަކީ ހަމަ އެއީއެވެ.“ މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ބުނީ މާތް اللهގެ ވަލިއްޔަކަށް ވެވޭނީ، މައިގަނޑު ދެ ޝަރުތެއް ފުރިހަމަވެގެން ކަމަށާއި ފުރަތަމަ ޝަރުޠަކީ، މާތް اللهއަށް ފުރިހަމަޔަށް އީމާންވުމާއެކު އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރުން ކަމަށާއި ދެވަނަ ޝަރުޠަކީ، އެކަލާނގެއަށް ތަޤްވާވެރިވުން ކަމަށެވެ.
އެއީ، މާތް الله އެންގެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުން ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
اللهُ سُبْحَانَهُ وَتَعَالَى ރުހިވޮޑިނުގަންނަވާ އަދި ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް އަމަލުކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ބުނީ މާތް اللهގެ ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި ދަރަޖައެއް ކަމަށާއި އެއީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެއް ކަމަށެވެ.
”ހަމަކަށަވަރުން، މާތް اللهގެ އަޅުތަކުންގެ ތެރެއިން ބަޔަކު ވެއެވެ. އެއީ ނަބީބޭކަލުންނެއް ނޫނެވެ. އަދި ޝަހީދުންނެއްވެސް ނޫނެވެ. ޤިޔާމަތްދުވަހު، މާތް اللهގެ ޙަޟްރަތުގައި ވަލިއްޔުންގެ ދަރަޖަ ނަބީބޭކަލުންނާއި ޝަހީދުންނަށް ފެނިވަޑައިގަތުމުން، އެ ބޭކަލުން އެ ދަރަޖައަށް ދަހިވެތިވެވަޑައިގަންނަވާނެ ކަމަށާއި އެބައިމީހުންނަކީ، އެކަކު އަނެކަކާ ދެމެދު އެއްވެސް ގާތްތިމާގެ ގުޅުމެއް ނެތި، އެކަކު އަނެކަކަށް މުދަލެއް ދިނުމަކާ ނުލައި، އެކަކު އަނެކަކު ދެކެ މާތް اللهއަށް ޓަކައި ލޯބިވީ މީހުންނެވެ. މާތް الله ގަންދީ ޙަދީޘްކުރައްވަމެވެ. އެބައިމީހުންގެ މޫނުތަކަކީ ނޫރުން އުޖާލާވެފައިވާ މޫނުތަކެކެވެ. އަދި އެބައިމީހުން ވާހުށީ ނޫރުންވާ މިންބަރުތަކުގައެވެ. މީސްތަކުން ޤިޔާމަތްދުވަހުން ބިރުގަންނަހިނދު އެބައިމީހުން ބިރެއްނުގަންނާނެއެވެ. އަދި މީސްތަކުން ހިތާމަކުރާ ހިނދު އެބައިމީހުން ހިތާމައެއްނުކުރާނެއެވެ.“ ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ވަނީ އިސްލާމީ އުންމަތުގެ ބައެއް ޤައުމުތަކުގައި ކޮށްއުޅޭ އެންމެ ނުރައްކާތެރި އެއް ކަމަކީ، ޞާލިޙު އަޅުންނާއި، ވަލީވެރީންކަމުގައި ދެކޭ ބައެއް މީހުންގެ ޤަބުރު ވަށައިގެން ރާނައި، އެ ތަނަށް ދޮންވެލިލައި، ވޮށް ދިއްލައި، ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ،ޒިޔާރަތްކުރުން ފަދަ ކަންކަންކޮށް އުޅުން ކަން ފާހަގަކޮށް އަދި އެއަށް ވުރެ ނުރައްކާތެރި ކަމަކީ، އެ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުންކަމަށް ބުނެފައެވެ.
ޚުޠުބާގައި ބުނީ އެއީ ކަނޑައެޅިގެންހުރި ޝިރުކުގެ ޢަމަލެއް ކަމަށާއި މިއީ ތައުޙީދުގެ އަހުލުވެރީން ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށެވެ.
މީގެ އިތުރުން މި ފަދަ ޢަމަލުތަކަކީ، މާތް الله ފިއަވައި، ބުދަށް އަޅުކަންކުރާ މީހުން ކުރާ ޢަމަލުތަކާ އެއްގޮތް ޢަމަލުތަކެއް ކަމަށާއި މިއީ ތައުބާނުވެ މަރުވެއްޖެނަމަ ނުފުއްސަވާނޭ ފާފައެއް ކަމަށާއި މިފަދަ ޝިރުކުގެ ޢަމަލުތަކާ ދުރުހެލިވުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.


