ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއް ޤާއިމުކޮށްފިއެވެ.
މި ސްކީމް ހިންގުމަށް ހަމަޖެހިފައިވަނީ 5 އަހަރު ދުވަހަށެވެ.
މި ސްކީމްގެ މަޤުޞަދަކީ މާލެ ސަރަހައްދުގައި ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސިންގ އަގުހެޔޮކޮށް ރައްޔިތުންނަށް ލިބޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.
މި ސްކީމް އުފައްދާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެޒެޓުކޮށްފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމާބެހޭ ގަވާއިދުގެ ދަށުންނެވެ.
އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމާއި ސްކީމުގެ ފަންޑު ހިންގާނީ އެކަމަށް އެމްއެމްއޭއިން ކަނޑައަޅާ މާލީ އިދާރާއަކުންނެވެ.
އަދި އެ ގަވާއިދުގައިވާ ގޮތުން އެމްއެމްއޭއިން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ކޮންމެ ބޭންކަކުން ވެސް، އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ ފައިސާގެ ތެރެއިން 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް ފަންޑަށް ދޫކުރަންޖެހޭނެއެވެ.
އެ ސްކީމްގެ ދަށުން މާލީ އެހީތެރިކަން ދޫކުރަނީ ދެ ފެސިލިޓީއެއްގެ ދަށުންނެވެ. އެއީ ޓައިޕް އޭ ފައިނޭންސިންގ ފެސިލިޓީއާއި ޓައިޕް ބީ ފައިނޭންސިންގ ފެސިލިޓީއެވެ.
މިއިން ކޮންމެ ފައިނޭންސިންގ ފެސިލިޓީއެއްގެ މުއްދަތަކީ މަދުވެގެން 25 އަހަރެވެ. ނަމަވެސް އެ ފެސިލިޓީ ނަގާ ފަރާތުން އެޔަށްވުރެ ކުރު މުއްދަތެއް ހަމަޖައްސަން އެދި ހުށަހަޅާނަމަ މުއްދަތު ކުރުކޮށްދޭނެއެވެ.



