ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.
ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން، އެފްއޭއެމުން އިއްޔެ ބުނީ އިންފަންޓީނޯގެ މި ދަތުރުފުޅުގެ ތެރެއިން އިންފަންޓީނޯއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ފުޓުބޯޅައިގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށާއި އެއަށް ފަހު، އިންފަންޓީނޯގެ ޝަރަފުގައި މިއަދު ހަވީރު 4:00 އިން 6:00 އަށް ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅެން ހަމަޖެހިފައިވާ ކަމަށެވެ.
އިންފަންޓީނޯ ވީއައިޕީ ލޯންޖުން ނުކުތުމުން ރާއްޖޭގެ އެކަޑަމީތަކުގެ ކުޅުންތެރިން ވަނީ ދިދަތައް ވިހުރާލައި ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އަދި އިންފަންޓީނޯގެ ޝަރަފުގައި އެތަނުގައި ރާއްޖޭގެ ސަގާފީ ކުޅިވަރުތަކުގެ އައިޓަތްތަކެއް ކުރިއަށްގެންގޮސް، މަރުހަބާ ކިޔުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވާއިރު އިންފަންޓީނޯ ވަނީ ގިނަ ކުދިންތަކަކަށް އޮޓޯގްރާފްވެސް ދީފައެވެ.
އެ މެޗުގައި ރައީސްގެ ޓީމަކާއި، އިންފަންޓީނޯގެ ޓީމަކުން މެޗެއް ކުޅެން ހަމަޖެހިފައި ވާއިރު، އިންފަންޓީނޯގެ ޓީމުގައި އޭނާގެ އިތުރުން އިޓަލީގެ ވޯލްޑް ކަޕް ތަރި މާކޯ މަޓެރާޒީ އާއި އެފްއޭއެމްގެ ރައީސް ޓޮމް އާއި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިން ހިމެނެއެވެ.
ރައީސްގެ ޓީމަށް ރައީސް ކުޅުއްވާނެ އެވެ. ނަމަވެސް އެ ޓީމުގައި ދެން ހިމެނޭ ބޭފުޅުންގެ މަޢުލޫމާތު އަދި ހާމަކޮށްފައެއްނުވެއެވެ.




