ދިވެހިރާއްޖެ އާއި ޕާކިސްތާނުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބާއްވާފައި ވަނީ ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއަރމަން، ޖެނެރަލް ސާޙިރް ޝަމްޝާދް މިރްޒާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިއްޔެ ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.
މިކަމަށްޓަކައި ބުރާސްފަތި ދުވަހު ހެނދުނު، ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޖެނެރަލް މިރްޒާއަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.
ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ، ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުން ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކުގެ މައްޗަށެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޖެނެރަލް މިރްޒާ ވަނީ، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުންމަތީ ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހިއްސާކުރާ އަޒުމު ތަކުރާރުކުރައްވާފައެވެ.




