ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ނެރޭ އެންމެ ފަހު ފިލްމުގެ ނަން ހާމަކޮށްފިއެވެ.
މި ފިލްމަށް ކިޔާ ނަން ރޭގައި ހާމަކޮށްފައިވާއިރު، ޑާކްރެއިނުން މީގެ ކުރިން ވަނީ، އެ ފިލްމަށް ކިޔާ ނަން ދިމާ ކުރެވޭ ފަރާތަކަށް، ފިލްމުގެ ޕްރިމިއަރ ނައިޓުގައި ބައިވެރިވާން ހިލޭ ޓިކެޓު ލިބޭނެ މުބާރާތެއް ވެސް ސޯޝަލް މީޑިއާގައި ހުޅުވާލާފައެވެ.
އެގޮތުން އިޚްތިޔާރީ ތިން ޖަވާބެއް ޑާކްރެއިނުން ދީފައިވެއެވެ. އެއީ:
1. އަލްވަދާއު
2. އުމުރަށް ސަލާން
3. ދެން ލަލަލާ
މީގެ ތެރެއިން ރަނގަޅު ޖަވާބަކީ ”އަލްވަދާއު“ އެވެ.
އިންސްޓަގްރާމްގައި ގިނަ ބަޔަކު ވަނީ މި ފިލްމުގެ ނަން ދިމާކޮށްފައެވެ. ބެލެވޭ ގޮތުގައި ޕްރިމިއަރ ނައިޓުގެ ޓިކެޓު ލިބޭ ފަރާތެއް ވެސް ޑާކްރެއިނުން ވަރަށް އަވަހަށް އިއުލާނު ކުރާނެއެވެ.
ފިލްމުގެ ނަން މިހާރު ހާމަކޮށްފައިވާއިރު، އެއާއެކު ފިލްމުގެ އޮފިޝަލް ޕޯސްޓަރު ވެސް މިވަނީ ދައްކާލާފައެވެ.
އޭގެން ފެންނަނީ މިހާރު ޑާކްރެއިންގެ ”ފޭސް“ ޝަރަފް ޢަބްދުﷲ އާއި ކުރިންވެސް އަދި މިހާރުވެސް ޑާކްރެއިންގެ އުފެއްދުންތަކުން ފެންނަ މަރިޔަމް މަޖުދާ (މަޖޫ) ގެ ރޮމޭންޓިކް މަންޒަރެކެވެ. ޕޯސްޓަރުން ފެންނަ ގޮތުގައި، މަޖޫ މި ފިލްމުގައި ކުޅެނީ ނުކުޅެދޭ މީހެއްގެ ބައެވެ. އޭނާ އިންނަނީ ވެސް ފުރޮޅުލީ ގޮނޑިއެއްގައެވެ. އަދި ޝަރަފް މަޖޫގެ މޫނުމަތީގައި ދެ އަތުން ވަރަށް ލޯބިން ހިފަހައްޓައިގެން ހުންނަ މަންޒަރުވެސް ފެނެއެވެ. އެހެންކަމުން މިއީ ލޯތްބާއި ވޭންވެސް އެކުލެވޭ ފިލްމެއްކަން ހާމަވެގެންދެއެވެ.
ޝަރަފްއާއި މަޖޫގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ، މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، އައިޝަތު ލައިޝާ ލަތީފް، މަޒީން، ހާޒިފް، އިސްމާއިލް ޖުމައިހް އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.
”އަލްވަދާއު“ އޮލިމްޕަހުގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ. މިއީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ކެމެރާމަންއަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ މުޙައްމަދު ފައިސަލް އެވެ.



